ސަރުކާރުން ފޮނުވި ކަދުރު ބެހުމަށް ރައްޔިތުންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ނުލިބުމާ ގުޅިގެން ކަދުރު ބެހުން އުލިގަމު ކައުންސިލުން އަލުން އިއުލާން ކޮށްފިއެވެ. ސަރުކާރުން އުލިގަމަށް ފޮނުވި 18 ޕެކެޓުގެ ތެރެއިން 13 ޕެކެޓް އަދިވެސް ބެހުމަށް ހުރިކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ކަދުރު ބޭނުންވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9 އިން މެންދުރުފަހު 2 އާ ދެމެދު ކައުންސިލަށް ހާޒިރުވުމަށް އަންގާފައިވެއެވެ. ހާޒިރުވާއިރު އައިޑީ ކާޑާއި ކަރަންޓް މީޓަރު ނަންބަރު އެނގޭނެ ލިޔުމެއް ގެންދިއުމަށްވެސް އަންގާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ މަގުން 13 ޕެކެޓް ހުސްވަންދެން ކަދުރު ދޫކުރެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިހާތަނަށް 102,712 ގޭބިސީއަށް 22,163 ކަދުރު ޕެކެޓް ބަހާފައިވެއެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46,251 ގޭބިސީއަށް 11,375 ޕެކެޓާއި، އެހެނިހެން ރަށްރަށުގެ 56,461 ގޭބިސީއަށް 10,788 ޕެކެޓް ހިމެނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައިވަނީ، ސަޢޫދީ ސަރުކާރުން މިއަހަރުވެސް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދަމަހުގެ ކުރިން ބަހާ ނިންމާނެ ކަމަށެވެ. އަދި މިއަހަރު މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމްޢިއްޔާތަކަށްވެސް ކަދުރުން ބައެއް ދެވޭނެ ކަމަށެވެ.
ސަޢޫދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ހަދިޔާކުރާ ކަދުރަށް ރައްޔިތުން ބޮޑަށް އިންތިޒާރުކުރާކަން ފާހަގަކުރެވެއެވެ. ނަމަވެސް މީގެ ކުރިން ބައެއް އަހަރު ރޯދަމަސް ނިމުމާ ކައިރިވެފައި ނޫނީ ކަދުރު ނުލިބޭކަންވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ