މިފްކޯއިން އިއުލާންކުރި ގޮތުގައި، މިދިޔަ ހަފުތާގައި މަސްވެރިންނަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ ޖެނުއަރީ މަހުގެ ފަހު ހަފުތާއާ އަޅާބަލާއިރު މަތީ އަދަދެކެވެ. އެގޮތުން ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސްވެރިންނަށް ދޫކުރެވުނީ 16.9 މިލިއަން ރުފިޔާއެވެ.
މިދިޔަ ހަފުތާގައި މަސް ކިރުވި ދޯނިފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި 452 ދޯންޏަކުން މަސް ކިރުވާފައިވާއިރު، ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސް ކިރުވީ 309 ދޯންޏަކުންނެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އާ އުސޫލުގެ ދަށުން، މިދިޔަ ބުރާސްފަތި ދުވަހަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވުނު ދުވަހެވެ. އެދުވަހު މަސްވެރިންނަށް 6.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދާ އެއްގޮތަށް ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ