ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑްރައިވަރަކާމެދު އަމަލުކުރި ގޮތް މުރާޖައާ ކުރަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑްރައިވަރަކާމެދު އަމަލުކުރި ގޮތް މުރާޖައާ ކުރަނީ

Author
ހުސައިން
09 ފެބްރުއަރީ 2025 01:19
0

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑްރައިވަރަކާމެދު އަމަލުކުރި ގޮތް މުރާޖައާ ކުރަން ފުލުހުން ފަށައިފިއެވެ. މި މައްސަލައިގައި އިއްޔެ 10:13 ހާއިރު މަސްތުގެ ހާލަތުގައި ހުރި މީހަކު އުޅަނދެއް ދުއްވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި، އެ ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށާއި، އަދި ފޭސް އެކަކާއި ދޭއް ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓް ވެފައިވާކަން ފުލުހުންނަށް ފާހަގަކުރެވުނެވެ. އެއަށްފަހު އެ އުޅަނދު ދުއްވި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ ތަކެތި ތަހުލީލު ކުރުމުން ނެގެޓިވް ވުމާ ގުޅިގެން އެ ފަރާތް ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުގައި، އެ ޑްރައިވަރަކީ ސްޓްރޯކެއް ޖެހިފައިވާ މީހެއްކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދީފައިވާ ކަމަށާއި، އޭނާ ހަ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބަހައްޓާފައިވާ ކަމަށް ބުނެއެވެ. އަދި އެ ވޭން ޓޯކޮށްފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ފާހަގަކުރެއެވެ.

މި މައްސަލައިގައި އެ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަމަލުކޮށްފައިވާ ގޮތް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.