މިއަދު ބޭއްވުނު ލޯކަލް ކައުންސިލް ބައި އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލާ 24 ގޮނޑި، އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އަދި މިއަދު ބޭއްވުނު ބައި-އިލެކްޝަންތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމުގައި މަސައްކަތްކުރި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައެވެ. މި ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް އަތޮޅު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި، ރަށު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 29 ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑިއާއި، އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ހިމެނޭގޮތަށް ޖުމުލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
— Dr Mohamed Muizzu (@MMuizzu) February 8, 2025
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މި ކާމިޔާބީ ލިބުމުގެ އުފަލުގައި ﷲ ގެ ޙަޟްރަތަށް ހަމްދުކުރައްވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށާއި، އިންތިޚާބުގައި ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ބޭއްވުނު ގިނަ އިންތިޚާބުތަކުގައި ކާމިޔާބު ހޯދަމުން އަންނަނީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ބައި-އިލެކްޝަންތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބެމުން ނުދާއިރު، އެ ޕާޓީން ބައި-އިލެކްޝަންތަކަށް އެކަށީގެންވާ ސަމާލުކަމެއް ދޭތަނެއްވެސް ފެންނަން ނެތެވެ.