މިއަދު ބޭއްވުނު ބައެއް ރަށްރަށުގެ ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިއްޖެއެވެ.
މި އިންތިޚާބުގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ނުވަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރެވުނެވެ. ކައުންސިލްތަކުގެ ތެރެއިން ހދ. މަކުނުދޫ ކައުންސިލަށް އަމިއްލަގޮތުން ކުރިމަތިލި އިބްރާހިމް މުޙައްމަދު އަދި ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލި އާތިފާ މޫސާ ވަނީ ހޮވިފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން ވަނީ ހަތް ރަށެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. މިގޮތުން ހދ. ހިރިމަރަދޫން ފަހީމާ އަބްދުﷲ، ނ. ލަންދޫން އާތިފާ މޫސާ، ރ. އިންނަމާދޫން އައިޝަތު އީސާ، ބ. ގޮއިދޫން ނަޖުވާ ފާރޫގް، ލ. ގަމުން އައިމިނަތު އަފްރާހް، ތ. ބުރުނީން ރުގިއްޔާ ރަޒީނާ އަދި ގއ. ކަނޑުހުޅުދޫން އައިމިނަތު ޝިފާނާ ވަނީ ޕީއެންސީގެ ޓިކެޓްގައި ކާމިޔާބު ހޯދާފައެވެ.
އެމްޑީޕީން ދެ ގޮނޑިއެއް ކާމިޔާބުކުރިއެވެ. އެއީ ނ. މިލަދޫން އައިމިނަތު އަޒުމާ އަދި އދ. ހަންޏާމީދޫން ހަދީޖާ އިބްރާހިމްއެވެ. އަދި ދ. ހުޅުދެލިން އަމިއްލަގޮތުން ކުރިމަތިލި ފާތުމަތު ރިސާލާ ވަނީ އެ ރަށުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 55.4 އިންސައްތަ، ނުވަތަ 6،275 މީހުން ވަނީ ވޯޓުލާފައެވެ.