މެމްބަރު މީކާއިލްގެ ޕްރޮފައިލް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު، ޑިލީޓް ކޮށްލުމުން ޝާހިދު އެކަން ކުށްވެރިކޮށްފި

ޖަމާލުއްދީން ސްކޫލުން އެ ސްކޫލުގެ ކުރީގެ ދަރިވަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމަށް ތައުރީފުކޮށް ކުރި ޕޯސްޓެއް ޑިލީޓްކޮށްލުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކަން ކުށްވެރިކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކަމުން ސަރުކާރުން ތައުލީމީ ނިޒާމު ސިޔާސީ ކޮށްފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގެ ކުރީގެ ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މީކާއީލްގެ ވާހަކަ ހިމެނޭ ޕޯސްޓެއް އެ ސްކޫލުން ކުރިއެވެ. އޭގައި ހިމަނާފައިވަނީ މީކާއީލް އެ ސްކޫލުގައި ކިޔެވި ދުވަސްވަރުގެ ވާހަކައާއި، އޭގެ ފަހުން ހާސިލުކުރި ތައުލީމީ ސަނަދުތަކާއި، މަޖިލީހުގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ވާހަކައެވެ. އެހެންނަމަވެސް އެ ޕޯސްޓު ވަނީ ހަމަ އެ ދުވަހު ނަގާލާފައެވެ.

މީކާއީލްގެ ތުހުމަތުގައި، އެ ޕޯސްޓު ނެގީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް ކަމަށް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީކާއިލަކީ ޖަމާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން ވެސް ފަޚުރުވެރިވާ އިސް ދަރިވަރެއް ކަމަށާއި، މިފަދަ ދަރިވަރެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕޯސްޓު ނެގުމަކީ ސަރުކާރުން ތައުލީމީ ނިޒާމު ސިޔާސީކޮށްފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޖަމާލުއްދީން ސްކޫލުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ބުރާސްފަތި ދުވަހުގެ ރޭ 12:00 ޖަހަން އުޅެނިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީގެ ޕްރެޝަރަކަށް ނޫން ކަމަށާއި، މީކާއިލްގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ. މިކަމާ ގުޅިގެން މީކާއިލް އެކްސްގައި ވިދާޅުވެފައިވަނީ ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހަން އުޅެނިކޮށް ސްކޫލަށް އަމުރުކޮށްގެން ބަޔާނެއް ނެރުމުން ވެސް ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ސާފުވާ ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީން ވެސް ވަނީ މީކާއިލްގެ އެ ޕޯސްޓު ޑިލީޓްކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *