އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ރާއްޖެ ވެއްޖެއެވެ. ދިވެހިރާއްޖެ އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ވުމާ ގުޅިގެން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ވަނީ މިކަމަކީ ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.
ފިލިޕީންސްގެ މެނިލާގައި ބޭއްވުނު އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާކަން އިއުލާނުކުރެވުނެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިއީ ރައީސްގެ އިސްނެންގެވުމާއި ދުރުވިސްނުންފުޅުގެ ތެރެއިން ކުރެވިފައިވާ ކަމެއްކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މިކަމުން އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
- މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފިލިޕީންސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ އިސްވެރިންނާއެކު ރާއްޖޭގައި ކުރިއަށްގެންދެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި، އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިން، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އަދި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.