ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި' ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އައްޑުއަށް ބަނދަރު ކޮށްފިއެވެ.
މި ކުރޫޒު ޝިޕްގައި ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. 100 އެއްހާ ފަތުރުވެރިންނާއެކު މިއަދު ހެނދުނު ބަނދަރު ކުރީ އައްޑޫގެ މަރަދޫ ބަނދަރަށެވެ. މި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން މަރަދޫ އަވަށު އޮފީހުން އިންތިޒާމުކުރި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ދިވެހި ސަގާފަތް ތަމްސީލުކުރާ އެކިއެކި ހަރަކާތްތައް ބޭއްވުމުގެ އިތުރުން، ސަގާފީ ތަކެތި ފަތުރުވެރިންނަށް ދައްކާލެވުނެވެ. އަދި ރަސްމިއްޔާތަށްފަހު، އައްޑޫގެ އީކޯ ޓޫރިޒަމް އަދި މެރިން ކޮންޒަވޭޝަނަށް މަސައްކަތްކުރާ މަންޓާ އެކްސްޕެޑިޝަންސް ގްރޫޕުން ފަތުރުވެރިންނަށް އައްޑޫގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޚާއްސަ ޓުއަރެއް ވަނީ ދީފައެވެ.
މި ދަތުރުގައި ފަތުރުވެރިން ވަނީ އައްޑޫ ނޭޗާ ޕާކާއި އެ އަތޮޅުގެ މުހިންމު ތާރީޚީ ތަރިކައެއްކަމަށްވާ 'ކޮށިދޮރަގެ އައްޑޫ ހެރިޓޭޖު ހައުސް' އަށް ޒިޔާރަތްކޮށްފައެވެ. ނޮބްލް ކަލަޑޯނިއޯގެ އެމްއެސް ހެބްރިޑިއަން ސްކައިއަކީ ކުޑަކަމުގައިވީނަމަވެސް، ޖާގައިގެ ގޮތުން ތަނަވަސް، އަދި ދުނިޔޭގެ މިބާވަތުގެ ކުދި ކްރޫޒް ޝިޕްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއް އުޅަނދުކަމުގައި ފާހަގަކުރެވެއެވެ.