ފުވައްމުލަކުގައި އޮޕަރޭޓްކުރި މަސްތުވާތަކެތީގެ ނެޓްވޯކްތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މުޅިން ހުއްޓުވާލެވިފަ: އިހުސާން

ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ހާމަކުރެއްވި ގޮތުގައި ފުވައްމުލަކުގައި އޮޕަރޭޓްކުރި މަސްތުވާތަކެތީގެ ނެޓްވޯކްތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މުޅިން ހުއްޓުވާލެވިފައެވެ. މި މައުލޫމާތު މިނިސްޓަރު ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ޕީއެސްއެމުން ބޭއްވި ފޯރަމްގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އަތޮޅުތަކަށް ހާއްސަކޮށްގެން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްސަދަކީ އަތޮޅުތެރޭގައި އޮތް މަސްތުވާތަކެތީގެ ނެޓްވޯކްތައް މުޅިން ނައްތާލުމެވެ. މިގޮތުން ފުވައްމުލަކުގައި ޑްރަގު ކެފޭގެ ގޮތުގައި ހިންގަމުން އައި ތަންތަން ހުއްޓުވައި، އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ވަނީ މަނީ ލޯންޑްރިންގެ ދައުވާގެ ދަށުން ހައްޔަރުކޮށް، އެންމެ ހަރުކަށި އަދަބު ދެމުން ގެންދެވިފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، މި ސަރުކާރު ހަވާލުވުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލެވިފައިވެއެވެ. އަދި ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރަމުން އައި މަގުތައްވެސް މިހާރު ވަނީ ބަންދުކުރެވިފައެވެ.

ފުލުހުންގެ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ތެރެއިން ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގ ކުރާ ކަމުގެ ތުހުމަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަނީ ދެނެގަނެވިފައެވެ. މިގޮތުން ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައެވެ. ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާއިރު، އާޒިމްގެ އެކައުންޓު މެދުވެރިކޮށް ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކުރެވި، ދެ ކުންފުންޏެއްގެ ބޭންކު އެކައުންޓުތައް ހިފެހެއްޓިފައެވެ. އަދި މި ފަރާތްތަކުގެ މައްޗަށް މަނީ ލޯންޑަރިންގގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *