ގއ. ވިލިނގިލި ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ހާލު ގޯސްވެގެން އިމަޖެންސީކޮށް މާލެ ގެންނަން އުޅުނު ދެމައިން ނިޔާވި ހާދިސާގައި ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑުކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ. މިކަން އޭނާ ފާހަގަކުރެއްވީ މި މައްސަލަ ބަލައިދިނުމަށާއި، ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައެވެ.
ނިޔާވެފައިވާ ގއ. ވިލިނގިލި ޒަމާނީވިލާ ފާތިމަތު ޝިއުނާގެ އާއިލާއާއި އޭނާގެ ފިރިމީހާ ޝިފާޒް ޒާހިރު އެކި މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުން ދޭހަވާ ގޮތުގައި މި ހާދިސާ ހިނގުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑުކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒްގެ އިންޓަވިއުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަލިމީހާ ބަލާ ދިޔަ އެއަރ އެމްބިއުލަންސްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްހީ އާލާތްތައް ނެތުމާއި، އެމްބިއުލެންސްގައި ދިޔަ ޑޮކްޓަރުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަން ލިބިފައި ނުވާކަމަށް ވެއެވެ. މިފަދަ ހިތާމަވެރި ހާދިސާއަކީ ސިއްހީ ދާއިރާ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ހިނގައިގެންވާނެ ކަމެއް ނޫންކަމަށް ރޮޒެއިނާގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އެދެނީ މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ދިރާސާކޮށް، ޒިންމާވާ ފަރާތްތައް ހޯދައި ޒިންމާދާރު ކުރުވުމަށެވެ. އަދި މީގެ އިތުރުން، މި މައްސަލައިގައި އެޗްއާރުސީއެމްއިން ކުރަމުންދާ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބެލުމަށްވެސް ރޮޒެއިނާ ވަނީ އެދިވަޑައިގެންފައެވެ.