ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާބޯތަކެތި އެތެރެކުރުމުގެ ޚާއްސަ ތައްޔާރީތައް އެސްޓީއޯއިން ފަށައިފަ

ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާބޯތަކެތި އެތެރެކުރުމުގެ ޚާއްސަ ތައްޔާރީތައް އެސްޓީއޯއިން ފަށައިފަ

އެސްޓީއޯއިން ވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާބޯތަކެތި އެތެރެކުރުމުގެ ޚާއްސަ ތައްޔާރީތައް ފަށައިފައެވެ. މިގޮތުން އެންމެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހުގެ ތެރޭގައި މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވެއެވެ.

އެސްޓީއޯއިން މިހާރު ވަނީ އެތެރެކުރާ ކާބޯތަކެތި ހަތަރު ކެޓަގަރީއަކަށް ބަހާލާފައެވެ. އެގޮތުން އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. މީގެ އިތުރުން އެތެރެކުރުމަށް ހަމަޖެހިފައިވާ ތާޒާ ތަރުކާރީ އާއި މޭވާގެ ތެރޭގައި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ. އަދި މީގެ އިތުރުން ޕްރޮސެސްޑް ކާނާ އާއި ކެއްކުމަށް ބޭނުންކުރާ ތަކެތި ވެސް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މުދަލުގެ އަގުތައް މައްޗަށް ދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އަގު ކޮންޓްރޯލްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ޒަރޫރީ ބޭނުންތަކުގެ މުދާ އެކަށީގެންވާ އަގެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެސްޓީއޯގެ މައިގަނޑު މަޤްޞަދު ކަމަށްވާތީ، މިއަހަރުގެ ރޯދަމަހަށްވެސް އެކަށީގެންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، އަގުތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *