މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާން ކުރި ގޮތުގައި، ވާރޭވެހި މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި އެ މަގުގެ ބައެއް ތިން ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. މި ގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ރަށްދެބައި މަގާއި ދަބުރުއް މަގާ ދެމެދުން މަޖީދީ މަގު ބަންދު ކުރެވޭނެއެވެ. މި މުއްދަތުގައި އެ ސަރަހައްދުން އެއްވެސް އުޅަނދެއް ދުއްވުން ވާނީ މަނާ ކަމެކެވެ.
މާލެ ސިޓީ ކައުންސިލުން މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮށިތަކަކަށް ބަހާލައިގެންނެވެ. އެހެންކަމުން މި ހަފުތާގައި ބަންދު ކުރެވޭ ސަރަހައްދުގެ މަސައްކަތް ނިމުމަށްފަހު، މަޖީދީ މަގުގެ އެހެން ކޮށްޓެއްގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ބަންދު ކުރެވޭނެއެވެ.
މި ފަހަކަށް އައިސް މޫސުން ގޯސްވެ ވާރޭވެހުމާ ގުޅިގެން މާލޭގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެފައި ވެއެވެ. މި ގޮތުން މަޖީދީ މަގަކީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް މަގު ކަމުގައި ފާހަގަކުރެވެއެވެ.