އެމްޓީސީސީން ހާމަކުރި ގޮތުގައި ހއ. އުލިގަމު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކްގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ސައިޓަށް ގެންގޮސްފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ބްލޮކް ބާލައި ހަރުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި 183 މީޓަރުގެ އައުޓަރ ބޭރުތޮއްޓަކާއި، 162 މީޓަރުގެ ވެލިފުރާފައިވާ އިނަރ ބޭރުތޮއްޓެއް ލުމާއި، 238 މީޓަރުގެ އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި މޫރިންގ ބޯއީސް ހަރުކުރުމާއެކު، 11 މީޓަރު ދިގު އަދި 11 މީޓަރު ފުޅާ ރޭމްޕަކާއި، 25 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ބްރިޖަކާއި، 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ޖެޓީއެއްވެސް ހެދޭނެއެވެ. މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 390 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަކީ 73.88 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.