ޣައްޒާގެ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ: ފޮރިން މިނިސްޓްރީ

ޣައްޒާގެ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ: ފޮރިން މިނިސްޓްރީ

މިދިޔަ ހޮނިހިރު ދުވަހު މިޞުރުގެ ވެރިރަށް ޤާހިރާގައި ބޭއްވުނު "ޢަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމަ ތާއީދު ލިބިގެންދާނެއެވެ.

އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ދިވެހިރާއްޖެއިން އިލްތިމާސްކޮށްފައިވާއިރު، ޣައްޒާގެ ހާލުގައި ޖެހިފައިވާ އެންމެހައި ސަރަހައްދުތަކަށް އަވަސް މަގަކުން އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް ދިވެހިރާއްޖެއިން މަރުހަބާ ކިޔާފައިވެއެވެ. މީގެއިތުރުން، ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *