ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އެންގި އެންގުން ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އެންގި އެންގުން ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރެވުނު ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ސަރުކާރުން ހައިކޯޓުން އިސްތިއުނާފް ކޮށްފިއެވެ. މިގޮތުން، މި މައްސަލަ އޭޖީ އޮފީހުން ޖެނުއަރީ 26 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޯބަރު 15، 2024 ގައި "އެކްސް" ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވި ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަދި 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.

މި މުވައްޒަފުންގެ މަޢުލޫމާތު ހޯދުމަށް ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ގާނޫނުގެ ދަށުން ހުށަހެޅުނު ހިނދު، ރައީސް އޮފީހުން ވަނީ މިއީ ޒާތީ މަޢުލޫމާތު ކަމަށް ބުނެ އިންކާރުކޮށްފައެވެ. ނަމަވެސް، އައިކޮމުން ވަނީ ޑިސެމްބަރު 25 ގައި ބޭއްވި އަޑުއެހުމުގައި މި މައްސަލައާ މެދު ގޮތެއް ނިންމާފައެވެ.

އައިކޮމުގެ ނިންމުމުގައި، ވަކިކުރެވުނު މުވައްޒަފުންގެ ދާއިމީ އެޑްރެސް ފިޔަވައި، އެހެނިހެން މަޢުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ނަމާއި، މަގާމާއި، ވަޒީފާ އަދާކުރި ތަނާއި، ލިބުނު މުސާރަ އަދި ވަކިކުރި ތާރީޚު ހިމެނެއެވެ. މި މަޢުލޫމާތު ރަސްމީ ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށް ރައީސް އޮފީހަށް އަމުރުކޮށްފައިވެއެވެ.

ރައީސް އޮފީހުގެ ލީގަލް ޓީމުން ފާހަގަކޮށްފައިވަނީ މި މަޢުލޫމާތު ހާމަކުރުމުން ވަކިކުރެވުނު މުވައްޒަފުންނަށް ފުރައްސާރަކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އާންމުންނަށް ބޭނުންވާ މިންވަރަށް މަޢުލޫމާތު ރައީސްގެ ޓްވީޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ޒާތީ މަސްލަހަތު ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *