ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑު މަތިވާނެތީ ސްޓެލްކޯއިން 13 ޖެނެރޭޓަރު ސެޓު ގެންނަނީ

ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑު މަތިވާނެތީ ސްޓެލްކޯއިން 13 ޖެނެރޭޓަރު ސެޓު ގެންނަނީ

ކުރިއަށް އޮތް ރަމަޟާން މަހުގައި އިތުރުވާނެ ކަރަންޓުގެ ޑިމާންޑަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން 13 ޖެނެރޭޓަރު ސެޓު ގެނައުމަށް ނިންމައިފިއެވެ.

މި ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ބައެއް ސެޓުތައް މިހާރު ވަނީ ރާއްޖެ ގެނެވިފައި ކަމަށް ސްޓެލްކޯގެ އިސްވެރިއެއް ދައުލަތުގެމީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ޖެނެރޭޓަރު ސެޓުތައް ސްޓެލްކޯގެ ކަރަންޓުގެ ނިޒާމާ ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. އަދި މި އައު ޖެނެރޭޓަރު ސެޓުތަކާއެކު މާލެ ސަރަހައްދުގައި ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކުރިއެވެ.

މި އިތުރުކުރެވޭ ކެޕޭސިޓީއާއެކު، ރަމަޟާން މަހުގެ ކަރަންޓުގެ ޑިމާންޑަށް އެއްވެސް ޝޯޓޭޖެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެއްވާފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ވެސް ރަމަޟާން މަހާ ދިމާކޮށް އިތުރުވާނެ ކަރަންޓުގެ ޑިމާންޑަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދެއެވެ. "ރަށްރަށުގައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދައި، މައްސަލަ އުޅޭކަމަށް ފާހަގަކުރެވުނު 46 ރަށަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވިއެވެ.

ފެނަކައިން ވަނީ މި އަހަރުގެ ހޫނުމޫސުމާއި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖަނެރޭޓަރު ސެޓު ހޯދުމަށް އިޢުލާންކޮށްފައެވެ. މި މަސައްކަތްތަކާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރަމަޟާން މަހު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *