ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ޤައުމީ ފަޚުރެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގައި އަލަށް އައްޔަންކުރެވުނު ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކުރައްވައި، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ނަމުގައި އައު މިނިސްޓްރީއެއް އުފައްދަވައި، ވެރިޔަކަށް ތޯރިގް އިބްރާހީމް އައްޔަންކުރައްވާފައެވެ. މި ބަދަލު ގެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ.
މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ތޯރިގް ވަނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ ކުރިއަރުވައި، ތަރައްޤީކުރުމަށް ކުރައްވާނެ މަސައްކަތުގެ ވަޢުދު ވެވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ އަދި ޤައުމަށް މިހާރަށްވުރެ ބޮޑު މަންފާއެއް ލިބޭ ދާއިރާއަކަށް ހައްދަވާނެކަމަށް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ކުރީގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުގައި ހިމެނޭ ދާއިރާތައްވެސް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށާއި، މި ދެ ދާއިރާ އެއްކުރެވުމުން މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވޭނެ ކަމުގައެވެ. އަދި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ފަޚުރުވެރި ދާއިރާތަކަކަށް ހެދުމުގެ މަޤްޞަދުގައި މަސައްކަތްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.