އުލިގަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އުލިގަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

Author
ޙަސަން މުޙައްމަދު
30 ޖެނުއަރީ 2025 06:18
0

އުލިގަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެ އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުން އަދި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، އުލިގަމު ކައުންސިލްގެ ރައީސާއި މެންބަރުންނާއި، ޑަބްލިޔޫޑީސީގެ މެންބަރުންނާއި، އެރަށުގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި އިމާރާތަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އަޅާ 55 ކައުންސިލް އިދާރާގެ ތެރެއިން އެއް އިމާރާތެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.