ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ހއ. ތަކަންދޫ ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިއީ ރައީސް ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ހާއްސަ ރަސްމިއްޔާތެކެވެ. ރައީސް ވަނީ މަރުކަޒު ހުޅުއްވައިދެއްވުމާއެކު އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ދާހިލީ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، އަދި ފުލުހުންގެ އެހެނިހެން އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރުންކަމުގައިވާ މޫސާ އަލީ އަދި މުހައްމަދު ދާއޫދު، އަދި އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އިބްރާހީމް ޒުހުރީ ހިމެނެއެވެ. މީގެއިތުރުން ތަކަންދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމެވެ. މިގޮތުން ފުލުހުންގެ ޚިދުމަތުން ދަނީ ރަށްރަށުގައި ޕޮލިސް ސްޓޭޝަން، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ގާއިމްކުރަމުންނެވެ. ވޭތުވެދިޔا އަހަރުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނا އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.