އައްޑޫ ސިޓީގެ މަތިކިޅީގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއިން ބޮޑު ސަރަހައްދެއް އަނދައި ހަލާކުވެގެން ގޮސްފައިވާއިރު، އެ ސަރަހައްދުގެ ގެއްލިފައިވާ ފެހިކަން އަލުން އަނބުރާ ގެނައުމަށް ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތެއް ނަގާނެކަމަށް މަތިކިޅި އިކޯގާޑަން ބަލަހައްޓާ މަތިކިޅި ސޮސައިޓީން ހާމަކޮށްފިއެވެ.
ހުކުރު ދުވަހުގެ ހަވީރު 5:30 އެހާކަށްހާއިރު ހުޅުދޫ އާއި ވީ ފަރާތުން ފެށިގެން ރޯވި އަލިފާނުގެ ހާދިސާ ރޭގަނޑު 20:40 ގައި ކޮންޓްރޯލްކުރެވުނު އިރު، ކުޅީގެ ގިނަ ސަރަހައްދުތަކެއް ވަނީ އަނދައި ހަލާކުވެފައެވެ. މި ހާދިސާއާ ގުޅިގެން މަތިކިޅި ސޮސައިޓީން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި، އިކޯގާޑަނަށް ސީދާ ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ގާޑަންގެ ވަށައިގެންވާ ސަރަހައްދުގެ ފެހިކަން ވަނީ ގެއްލިފައިކަމަށާއި މި ފެހިކަން އަލުން އާރާސްތުކުރުމަށް 6 މަހެއްހާ ދުވަސް ނަގާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އައްޑޫ ސިޓީ މީދޫގެ އިރުމަތީ ފަރާތުގައި ހެދިފައިވާ މަތިކިޅި އިކޯގާޑަނަކީ ފުޅާ ސަރަހައްދެއްގައި ފެތުރިފައިވާ ޗަސްބިމާއި ކުޅީގެ މެދުތެރޭގައި ޤާއިމުކުރެވިފައިވާ ހިތްގައިމު ބަގީޗާއެކެވެ. މި ތަނުގެ އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ ސިފައަކީ އެއް އުސްމިނަކަށް ބޯކޮށް ހެދިފައިވާ ކާފަރުހުއްޓާއި ކާފަރުބުރުގެ ސަބަބުން މާހައުލަށް ލިބިފައިވާ ފެހި ޒީނަތްތެރިކަމެވެ. މީދޫ އަދި ހުޅުދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް ތަނުގެ ގޮތުގައި ފާހަގަކުރެވޭ މި ބަގީޗާއަކީ މުޅި އައްޑޫ ސިޓީގެވެސް މުހިންމު ލޭންޑްމާކެއްގެ ގޮތުގައި ވަނީ ހިމެނިފައެވެ.