ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް އެކުންފުނީގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން ސީދާ ދަތުރުތައް ފަށައިފިއެވެ. މިއީ މިމަހުގެ ހަވަނަ ދުވަހު ރާއްޖެއަށް ގެނެވުނު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން ޗައިނާއަށް ކުރެވުނު ދެވަނަ މަންޒިލަށް ފެށުނު ދަތުރުތަކެވެ.
މި ބޯޓުން ފުރަތަމަ ދަތުރު ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫ ސިޓީއަށެވެ. މިއަދު ބެއިޖިންއަށް ފެށުނު ދަތުރުގައި ދިވެހިންނާއި ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މި ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން ފުރަތަމަ ޗެކިންވި ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
ޗައިނާއަށް ފެށުނު ދަތުރުތަކާއެކު މޯލްޑިވިއަންއިން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއް ތަޢާރަފުކޮށްފައެވެ. އެ އެއާލައިނުން މަޢުލޫމާތު ދިން ގޮތުގައި މިވަގުތު މާކެޓުގައި ޗައިނާގެ ޓިކެޓް ހުރި އަގާ އަޅާބަލާއިރު މި ފެއަރގެ ދަށުން 30 އިން 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ޓިކެޓް އަގު ހެޔޮވާނެއެވެ.
މޯލްޑިވިއަން ވަނީ މިހާރު ޗެންޑޫ އަދި ބެއިޖިންއަށް ދަތުރުތައް ފަށާފައިވާއިރު، މިމަހުގެ 27 ވަނަ ދުވަހު ޗައިނާގެ ޝެންހާއީއަށްވެސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެއެވެ. މި ތިން ސިޓީއަށް ކުރާ ދަތުރުތަކުގައި ކޮންމެ ސިޓީއަކަށް ހަފުތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.