ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭ މައްސަލައިގެން ޝަރީއަތް ފެށުން ފަސްކޮށްފި

ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭ މައްސަލައިގެން ޝަރީއަތް ފެށުން ފަސްކޮށްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް މިއަދު ވަނީ ފަސްކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށް، ތާވަލުން ނަގާފައިވަނީ އެމްޓީސީސީން އިތުރު ވަގުތަށް އެދިފައިވާތީއެވެ.

ޑީއާރުޕީން ހޯދި ޚިދުމަތްތަކަށް އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ ޕާޓީ އުވާލުމުން، އެމްޓީސީސީން ދަޢުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މައުމޫން އެ ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ އެމްޓީސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައުމޫންގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގައި، މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށް އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މައުމޫންގެ ފަރާތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

މައުމޫންގެ ފަރާތުން ކޯޓުގައި ވަނީ ދަރަނީގެ ފައިސާ ދެއްކުމަށް އިންކާރުކޮށްފައެވެ. އަދި ޑީއާރުޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުޢާމަލާތަކާ ގުޅިގެން ކަމަށާއި، އެ ޤާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް، ކުރިން ހިނގި މުޢާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫންކަން އިލެކްޝަންސް ކޮމިޝަނުގެ ލިޔުންތަކުން އެނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ ޤާޟީ ރިޒްމީނާ އިދްރީސްގެ ހުކުމުގައި ވަނީ، ތިންވަނަ ފަރާތެއް ދަރަންޏަށް ޒިންމާކުރެވޭނީ އެ ފަރާތެއް އެއްބަސްވެގެން ކަމަށާއި، މައުމޫން އިންކާރުކޮށްފައިވާތީ އެ މަނިކުފާނު ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 3,000 މެންބަރުން ހަމަނުވާތީއެވެ. މައުމޫން މި ޕާޓީން ވަކިވެވަޑައިގަތީ އެތެރޭގެ ޚިޔާލު ތަފާތުވުންތަކާ ހެދި 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވުމަށްފަހުގައެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެ މަނިކުފާނު ވަކިކުރުމުން އެމްއާރުއެމްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *