ކްރިސްމަސް އަދި އާ އަހަރާ ދިމާކޮށް މަހުޖަނުންގެ ޖެޓްތައް ރާއްޖެ އަށް މިސްރާބު ޖަހައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިވަގުތު ވެސް 30 ޖެޓު އެބައޮތެވެ. ޖެޓް މޫވްމަންޓުތައް ވެސް މި އަހަރު އިތުރުވިއިރު، މި މަސް ފެށިގެން، އިއްޔެގެ ނިޔަލަށް 148 ޖެޓް މޫވްމަންޓްސް ރެކޯޑުކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވުނު 137 މޫވްމަންޓާ އަޅައިކިޔާއިރު، 11 މޫވްމަންޓު އިތުރުވުމެކެވެ. އެެހެންކަމުން މި އަހަރުގެ އަދަދަކީ އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ. މިއީ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ވެލާނާ އެއާޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓުތައް ޕާކުކުރެވޭނެ ޖާގަތައް ހަދާފައިވެއެވެ. އެއާޕޯޓުގެ އުތުރާއި އިރުމައްޗާއި އަދި ދެކުނު ފަރާތުގައި ހަދާފައިވާ ޖެޓު ޕާކިން ސަރަހައްދުތަކުގައި ޖުމްލަ 68 ޖާގަ އޮވެއެވެ.