ސިޓީ އެވަޓަން މެޗު ފަސްކޮށްފި

ސިޓީ އެވަޓަން މެޗު ފަސްކޮށްފި

Author
އިބްރާހީމް ސާޢިދު
29 ޑިސެމްބަރ 2020 03:36
0

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވިއިރު، މިދިޔަ ހުކުރު ދުވަހު އެ ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ އާއި ފޯވާޑް ގަބްރިއެލް ޖީސޫސްގެ އިތުރުން ދެ އޮފިޝަލަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ން ސިޓީ މޮޅުވި މެޗުގައި އެ ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. ސިޓީގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުން ނިންމީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ.

ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީގެ މެނޭޖްމަންޓުން އެދުނު ގޮތަށް ރަސްމީކޮށް މެޗު ފަސްކޮށްދީފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ސިއްހީ މާހިރުންގެ ލަފާ ހޯދުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ޓީމު ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑު ވަނީ ބަންދުކޮށްފައެވެ. އަދި އެ ދަނޑު އަލުން ހުޅުވާނީ ސިޓީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ޓެސްޓުކުރުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަންނަ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.