އެމްއެމްޕީއާރްސީ މައްސަލާގައި ނިހާންގެ މައްޗަށް 6 ދައުވާއެއް ކޮށްފި

އެމްއެމްޕީއާރްސީ މައްސަލާގައި ނިހާންގެ މައްޗަށް 6 ދައުވާއެއް ކޮށްފި

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2020 01:29
0

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙްމަދު ނިހާންގެ މައްޗަށް 6 ދައުވާ އެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އަޙްމަދު ނިހާން ޙުސައިންމަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައި ވާކަމަށް ޕީޖީ އޮފީހުން ނުބެއެވެ. އަދި ނިހާންއަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ. މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން، ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީން ވަނީ ކޯޓުގައި އެދިފައެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

  1. ރިޝްވަތު ހިފުމުގެ ކުށުގެ 3 ދަޢުވާ
  2. މަނީ ލޯންޑަރިންގެ ކުށުގެ 1 ދަޢުވާ
  3. ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ

ނިހާންގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުރެގެން އޭނާ އަދާކުރަންޖެހޭ ވާޖިބަށް ނުފުޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބް މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައި ވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި މަނީ ލޯންޑަރިންގެ ދަޢުވާ އުފުލާފައި ވަނީ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ އެފައިސާ އާއި އިތުރު ފައިސާ އެއްކޮށް ޕްލެޓިނަމް ރެޒިޑެންސް އިން ފްލެޓެއް ގަނެގައިވާ ކަމުގެ ތުހުމަތުގައެވެ.

މީގެ އިތުރުން ރިޝްވަތަށް އެދުމުގެ ދައުވާ އުފުލާފައި ވަނި 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ. އަދި ހަމަ އެގަޑި ކ.މާލެ، މ. ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަދީބު ނިހާނަށް ދިނުމުން ނިހާން އެގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ އެއް ދައުޢުވާ ވަނީ އުފުލާފައެވެ.

ރިޝްވަތަށް އެދުމުގެ ދެވަނަ ދަޢުވާ އަކީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި 650،000 ރުފިޔާ ދިނުމަށް އެދިފައިވާތީ އުފުލާފައިވާ ދަޢުވާއެވެ. އަދި މި ފައިސާ ނިހާން ބަލައިގަނެފައި ވާތި ރިޝްވަތު ހިފުމުގެ ދަޢުވާ ވަނީ ނިހާންގެ މައްޗަށް އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.