ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން، ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އުސޫލުން ބޭރުން އެއްވެސް ލިޔުމެއް ދޫކޮށްފައިނުވާނެ ކަމަށާއި ސިސްޓަމްގެ ތެރެއިން އެފަދަ ލިޔުމެއް ދޫކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ. އެ ސިސްޓަމް ތެރެއިން ދުލެއް ވެސް ނުކުރެވޭނެ،" އަކުރަމް ވިދާޅުވިއެވެ.
އަކްރަމް އެގޮތަށް ވާހަކަ ދެއްކެވީ ބިންވެރިޔާ ސްކީމްގެ ދަށުން މްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދަށް ގޯތީގެ ލިޔުމެއް ލިބުނު މައްސަލައިގައެވެ. އެ ލިޔުން އެޗްޑީސީއަށް ހުށަހަޅައިގެން ފަޒީލް ވަނީ ހުޅުމާލެ އިން ލިބުނު ގޯތީގެ އިންފާރު ވެސް ރާނައިފައެވެ. އެ މައްސަލަ ފެންމެތިވުމާ އެކު ފުލުހުން މިހާރު ގެންދަނީ ފޯޖަރީގެ މައްސަލައެއް ބަލަމުންނެވެ.
ފަޒީލް ބުނެފައިވަނީ އޭނާއަށް ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށެވެ. އެންމެ ފުރަތަމަ ގޯތި ނުދޭން ނިންމުމުން އަކްރަމް އާ ބައްދަލު ކުރި ކަމަށާއި އޭގެ ފަހުން އަކްރަމް އެއްބަސްވީ ގޯތީގެ ލިޔުން ދިނުމަށް ކަމަށް ފަޒީލް ފުލުހުންނަށް ދިން ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް އަކްރަމް ވަނީ ފަޒީލްއާ ބައްދަލުކުރެއްވިކަން ވެސް ދޮގުކުރައްވައިފައެވެ. އަކްރަމް ވިދާޅުވީ އޭނާ ފަޒީލްއާ ބައްދަލުކުރެއްވި ނަމަ، ޔައުމިއްޔާ ކުރެވިފައި އޮންނާނެ ކަމަށެވެ.
ސަރުކާރުގައި އަދާކުރެއްވި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އޭނާއަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ފަށާފައިވާއިރު އެ ތަހުގީގުގެ ބޭނުމަށް އަކްރަމް އާ އެކުގައި ގިނަ ބައެއްގެ މައްސަލަ ތަހުގީގު ކުރާތީ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.