އައިޖީއެމްއެޗްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ދޫކޮށްލި ނިންމުން ނުބަލަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތާއީދުކުރުމަށް ނިންމީއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި މަރުގެ މައްސަލައިގައި، ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އަދި ލަމްހާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މި ކުށުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.
މިދިޔަ މަހު ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލި ނިންމުން އިސްތިއުނާފް ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމިއެވެ. މި ނިންމުން ރިވިއު ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ މައްސަލަ ބަލައިނުގަތުމުގައި މައްސަލައެއް ނެތް ކަމަށް ނިންމަވާފައެވެ. ނަމަވެސް ފަނޑިޔާރު މުހައްމަދު ނިޔާޒް ދެކެވަޑައިގަންނަވަނީ ރަޖިސްޓްރާގެ ނިންމެވުން ރަނގަޅު ނޫން ކަމަށެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ޝަރީއަތް ލަސްވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މީހުން ބަންދުން ދޫކުރުމަކީ ކުރެވިދާނެ ކަމެއްތޯ ހައި ކޯޓުން ބަލަންޖެހޭ ކަމަށެވެ.
މި މައްސަލައިގައި މިއީ ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫވި ދޫކުރުމެވެ. މިދިޔަ އަހަރުވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލި ނަމަވެސް، ހައި ކޯޓުން ވަނީ އަލުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި އަނެއް ދައުވާލިބޭ ފަރާތް ކަމުގައިވާ މާވިން އަދިވެސް ހުރީ ބަންދުގައެވެ.