2006 ވަނަ އަހަރު، ހަމާސްގެ ޑެލިގޭޝަނަކުން އިރާނަށް ކުރި ދަތުރެއްގައި، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (IRGC)ގެ އޭރުގެ ވެރިޔާ، މިހާރު އަވަހާރަ ކޮށްލާފައިވާ ގައްސާމް ސުލައިމާނީގެ ފަރާތުން 22 މިލިއަން ޑޮލަރު ލިބުނު ކަމަށް ހަމާސްގެ އިސް އޮފޝަލަކު ވިދާޅު ވެއްޖެއެވެ.
އިރާނުގެ އަރަބި ބަހުން ހިންގާ ޓެލެވިޒަން ނެޓްވާކެއް ކަމުގައިވާ އަލް-އަލާމް އަށް އާދީއްތަ ދުވަހު ދެއްވި އިންޓަވިވްއެއްގައި، ހަމާސްގެ ކުރީގެ ފޮރިންގ މިނިސްޓަރ އަދި އިސް ލީޑަރެއްކަމުގައިވާ އަލް-ޒަހަރު ވިދާޅުވެފައިވަނީ، އެދަތުރުގައި ސުލައިމާނީއާއެކު ބޭއްވުނު ބައްދަލުވުމެއްގައި، އޭރު ހަމާސްއަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިތަކުގެ ވާހަކަ އޭނާ ސުލައިމާނީއާ ހިއްސާ ކުރެއްވި ކަމުގައެވެ.
ޑެލިގޭޝަން ބޭފުޅުން ތެހެރާނުން ފުރަން އުޅެނިކޮށް، "ޖެހިގެން އައިދުވަހު، އަހަރެންނަށް ފެނުނީ، 22 މިލިއަން ޑޮލަރުގެ ފައިސާ ދަބަސްތަކެއްގައި، އެއާޕޯޓުން އަހަރުމެންނާ ހަވާލު ކުރެވުނުތައް،" އަލް-ޒަހަރު ވިދާޅުވިއެވެ.
"އަހަރުމެން އެދުނީ އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރި ކަމަށް. އެހެންނަމަވެސް، އަހަރުމެންގެ ޑެލިގޭޝަންގައި ތިބީ އެންމެ 9 މީހުންނަށްވުމުން، އެއަރޕޯޓުން ލިބިފައިހުރި ބެގޭޖް އެލަވަންސަށް ބަލާއިރު، ދަބަސް ދަބަހުގައި އެއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އުފުލޭ ގޮތް ނުވީ،" އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް އިރާނުގައި މުޒާހަރާ ކުރާ ގިނަބަޔަކު ވަނީ އެގައުމުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އެގައުމުގެ ވަސީލަތްތައް، ގައުމުގެ ބޭރުގެ އިރާނުން ތާއީދު ކުރާ ފަރާތްތަކަށް ހޭދަކުރަމުންދާ ކަމުގެ ޝަކުވާތައް ފަހަކަށް އިރާނުގައިވަނީ ބޮޑުވެގެން ގޮސްފައެވެ.
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (IRGC)ގެ ގުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރުގެ ގޮތުގައި ހުންނެވި، ގައްސާމް ސުލައިމާނީ އަވާހަރަ ކޮށްލާފައިވަނީ، ބައުދާދުގެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކައިރިން ދަތުރު ކުރައްވާފައި ވަޑައިގަންނަވަނިކޮށް، އޭނާގެ މޮޓޯކޭޑަށް އެކެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މިއަހަރުގެ ޖެނުއަރީ މަހު 3 ވަނަ ދުވަހުއެވެ.
ގައްސާމް ސުލައިމާނީ އަވަހާރަ ކޮށްލުވުނުތާ އެއް އަހަރު ފުރުމުގެ މުނާސަބާއާއި ދިމާކޮށް، ބަދަލު ހިފުމުގެ ގޮތުން އިރާނުން ނުވަތަ އިރާނަށް ތާއީދު ކުރާ ޕްރޮކްސީ ޖަމާއަތްތަކުން އެމެރިކާގެ އަމާޒުތަކަށް ދީފާނެ ހަމަލާއަކާއި ގުޅޭގޮތުން މެދުއިރުމަތީގައި ވަނީ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ، ގައުމުން ބޭރުގައި ހިގާ ހަރަކާތްތަކާ ބެހޭ ގޮފި، ޤުދުސް ފޯސްގެ ލީޑަރ ގައްސާމް ސުލައިމާނީ އަވަހާރަ ކޮށްލުމާއެކު، ޚާމަނާއީ ވަނީ، ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައިވަނީ، ސުލައިމާނީގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫން ކަމަށާއި، އެމަރުގެ ޒިންމާ މުޅި އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށެވެ.
ފާއިތުވެދިޔަ ހަފްތާގައި، އެމެރިކާގެ ޖެނެރަލް ކޮމާންޑުން ބުނެފައިވަނީ، ޖެނެރަލް ސުލައިނާމީ އަވަހާރަ ކޮށްލުވުނުތާ އެއް އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން، އިރާނުން އެމަރުގެ ބަދަލު ހިފުމަށް މަސައްކަތް ކޮށްފާނެ ކަމަށްބަލާ، އެމެރިކާގެ ލުއިސިއާނާއި ބޭސްއިން، B-52 މަރުކާގެ ބޮން އަޅާ ދެ ފައިޓަރ ޖެޓް މިހާރުވަނީ، މެދުއިރު މައްޗަށް ފޮނުވާލެވިފައެވެ.
އަދި، އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓެއް އިރާނުގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ، ވައްޓާލާނެ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.
ގައްސާމް ސުލައިމާނީގެ އަންހެން ދަރިފުޅު، ޒައިނަބު ސުލައިމާނީ، އިގިރޭސިބަހުން މީޑީއާ އަކަށް ދިން ފުރަމަ އިންޓަވިއުގައި ބުނެފައިވަނީ، އެނާގެ ބައްޕަގެ މަރަކީ، ބައްޕަގެ ހަގިގީ ލެގަސީގެ ފެށުން ކަމުގައެވެ.
"އެމެރިކާއިން ހީކުރީ، އަހަރެން ބައްޕަ މަރާލުމުން، ހުރިހާކަމެއް ހަަމަޖެހިގެން ދިޔައީ ކަމަށް. އެއީ އެމީހުން ގަބޫލު ކުރީ ޖެނެރަލް ސުލައިމާނީ މަރާލެވުމުން މުޅި މެދުއިރުމަތީގެ ހަގީގީ ބާރު ނެތިގެން ދިޔައީ ކަމަށް،" ރަޝީއާ ޓުޑޭ އަށް ދިން ބަސްދީގަތުމެއްގައި ސުލައިމާނީގެ އަންހެން ދަރިފުޅު ބުނެފައި ވެއެވެ.
"އެހެންނަމަވެސް، އެމީހުންނަށް ކުރެވުނީ ގޯސް ހީއެއް. އެމީހުންނަށް ނުފެންނަ މަންޒަރަކީ، އީރާނުގެ ރައްޔިތުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާ ނަފްރަތު. އިރާނުގެ ރައްޔިތުންގެ ލޯތަކުން އޮހޮރެމުންދާ ކަރުނަތައް. އެމީހުންގެ ކެކުޅުންތައް. އެހެންނަމަވެސް، ޖެނެރަލް ސުލައިމާނީގެ ހަގީގީ ލަޝްކަރަކީ އިރާނުގެ ރައްޔިތުން. އެމީހުން ޓްރަމްޕްގެ ކިބައިން ބަދަލު ހިފާނެ."
ޒައިންބު ބުނެފައިވަނީ، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްންވެސް ސުލައިމާނީގެ މަރަށް ތާޢީދު ކޮށްފައިވާތީ، ބައިޑްންއާއި ޓްރަމްޕާވެސް އެއްވެސް ތަފާތެއް ނެތް ކަމުގައެވެ.