ހައުސިން މިނިސްޓްރީގެ ސާވާތައް ހަލާކުވެ މުހިންމު މައުލޫމާތުތައް ވަނީ ގެއްލިފައި: ހައިދަރު

ހައުސިން މިނިސްޓްރީގެ ސާވާތައް ހަލާކުވެ މުހިންމު މައުލޫމާތުތައް ވަނީ ގެއްލިފައި: ހައިދަރު

Author
ޙަސަން މުޙައްމަދު
14 ޑިސެމްބަރ 2024 10:04
0

ހައުސިން މިނިސްޓްރީގެ އިމާރާތަށް ބުރާސްފަތި ދުވަހު ކުރިމަތިވި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ މައުލޫމާތުތަކާއި ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ސާވާ ސަލާމަތް ނުކުރެވި، އޭގައި ހުރި މުހިންމު މައުލޫމާތުތައް ގެއްލިގެން ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތުތަކާއި މަޝްރޫއުތަކުގެ މައުލޫމާތުތައް ހުރި ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު ބެލެވެއެވެ. އަދި ސާވާއަށް ނުވަދެވޭ ހާލަތެއްގައި އެ މައުލޫމާތުތައް އަލުން ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، މިނިސްޓްރީން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމު އަދި ފަހުން ފެށި ލޯނު ސްކީމުގެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ތިން ސްކީމުގެ ހުރިހާ ލިޔެކިޔުމެއް ރައްކާކޮށްފައި ހުރީ ކްލައުޑްގައި ކަމަށްވުމުން، އެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.

މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަނީ ދަރުބާރުގެއަށް ބަދަލުކުރަން ފަށާފައެވެ. އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެއިން ފޯރުކޮށްދޭން ފެށޭނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.