ޗައިނާގައި އެންމެ ފުރަތަމަ ކޯވިޑް19 ފެތުރެންފެށި ސިޓީ ކަމުގައިވާ، ވޫހާންއިން ކޯވިޑް19ގެ ހާލަތު ރިޕޯޓުކުރި އެގައުމުގެ އަންހެން ނޫސްވެރިޔާ ޗައިނާ ސަރުކާރުން 4 އަހަރު ދުވަހަށް ޖަލަށް ލައިފިއެވެ.
ނޫސްވެރިޔާ ޒަންގ ޒަހާން ޖަލަށް ލާފައިވަނީ، "ގަދަޔަށް ޒުވާބު ކުރުމާއި އަދި، އާންމު މަސްލަހަތު ނަގާލުމަށް ހިތްވަރު ދިނުމުގެ" ކުށުގައެވެ.
އުމުރުން 37 އަހަރުގެ، ކުރީގެ ލޯޔަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ، ޒަހާން ޗައިނާގައި ހައްޔަރު ކޮށްފައިވަނީ، މިއަހަރުގެ މޭމަހުގައެވެ. ބަންދުގައި ހުރި މުއްދަތުގައި އޭނާވަނީ އެތައް މަހެއް ވަންދެން ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ. އޭނާގެ ގާނޫނީ ވަކީލު ވިދާޅުވާ ގޮތުގައި، ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމުގެ ސަބަބުން ޒަހާންގެ ސިއްހީ ހާލަތުވަނީ ވަރަށް ދަށަށް ގޮސްފައެވެ.
ޒަހާންއަކީ، ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ދުވަސްވަރު، އެބަލީ ހާލަތު ޗައިނާއިން ރިޕޯޓުކޮށްގެން، ޗައިނާ ސަރުކާރުގެ ފިއްތުންތަކާ ކުރިމަތިލާން ޖެހިފައިވާ އެތަކެއް ނޫންވެރިންނެއްގެ ތެރޭގައި ހިމެނޭ ނޫސްވެރިއެވެ.
ޗައިނާއަކީ މިނިވަން މީޑިއާއެއް އޮތް ގައުމެއް ނޫނެވެ. އަދި ޗައިނާގެ ސަރުކާރުން ދަނީ، ކޯވިޑް ކާރިސާއާއި ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަޅުތަކާއި ގުޅޭގޮތުން ފާޑިއުމުގެ ނަޒަރަކުން ރިޕޯޓުކުރަމުން އަންނަ އެކްޓިވިސްޓުންނާއި އަދި ވިސިލްބްލޯވަރުންގެ އަޑުތައްވެސް ކަޑުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
ޒަހާންގެ ގާނޫނީ ވަކީލު، ރެން ގައުނިއު ވަނީ، ޒަހާންގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ވިދާޅުވީ، އަދިވެސް ޒަހާން ގެންދަވަނީ ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ކަމަށާއި އަދި މިހާރުވަނީ ވަރަށް ބަލިކަށިވެފައި ކަމަށެވެ.
ޒަހާންގެ ގާނޫނީ ވަކީލު، ރެން ވިދާޅުވެފައިވަނީ، "އޭނާގެ މުވައްކިލު ފެންނަނީ މުޅިހެން ކަހަލަގޮތަކަށް ބަލިކަށިވެފައި ވަނިކޮށް" ކަމަށާއި، ޒަހާންގެ މައްޗަށް ހުކުމް އިއްވުމުން އޭނާގެ މަންމައަށް އަޑުހަރުކޮށް ރޮވުނު ކަމަށެވެ.
ޗައިނާ ސަރުކާރުން އޭނާ ހައްޔަރު ކުރުމުގެ ކުރިން، ފިލްމު އުފައްދާ މީހަކާއެކީ ރެކޯޑްކުރި ވީޑިއޯ އިންޓަވިވްއެއްގައި ޒަހާން ބުނެފައިވަނީ، ކޯވިޑް19 ކާރިސާގެ އެންމެ ކުރީކޮޅު އޭނާ ޗައިނާގެ ވޫހާން ސިޓީއަށް ދިއުމަށް ނިންމީ، އެސިޓީގެ ހާލަތާ ގުޅޭގޮތުން، އެސިޓީގެ ރައްޔިތަކު ކުރި އޮންލައިން ޕޯސްޓެއް ފެނިގެން ކަމުގައެވެ.
އޭރު ވޫހާން ސިޓީއަށް ގޮސް، ޒަހާން ވަނީ، ވޫހާން ގެ ރަސްމީ މުވައްސަސާތަކުން ދެއްކި ބިރުދެއްކުންތަކާ ދެކޮޅަށް، އެސިޓީގެ އާންމު މަގުތަކުންނާއި، ހޮސްޕިޓަލްތަކުން ފެނުނު މަންޒަރުތައް ވަގުތުން ދުރަށް ދައްކާ، އަދި މިމަންޒަރުތައް ރައްކާކޮށްފައެވެ. މިގޮތުން އޭރު އޭނާ ދުރަށް ފޮނުވި މަންޒަރު ފުޅާދާއިރާއެއްގައި ގިނަބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކޮށް ހަދާފައި ވެއެވެ.
ޗައިނީސް ހިއުމަން ރައިޓްސް ޑިފެންޑާސްގެ ރައިޓްސް ގްރޫޕް ނެޓްވާކުން ބުނެފައިވަނީ، ވޫހާންގައި އޭރު މަސައްކަތް ކުރަމުންދިޔަ މިނިވަން އެތައް ނޫސްވެރިޔަކު ޗައިނާ ސަރުކާރުން ބަންދު ކުރި މަންޒަރުތަކާ، އޭރުގެ ހާލަތާގުޅޭގޮތުން މުވައްސަސާތައް ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރި އެތައްބަޔާކައި އެމީހުންގެ އާއިލާތަކަށްވެސް ކުރިމަތިވި އެތަކެއް ފުރައްސާރައެއްވެސް ޒަހާން ވަނީ އޭރު ވީޑިއޯ ކޮށްފައެވެ.
"ފަހަރެއްގަ އަހަރެންގެ ފުރާނައަކީ، ކޮންމެ ކަމަކަށް އާބްސް ބުނުމާއި ދެކޮޅު ފުރާނައެއް…އަހަރެން ވީޑިއޯކޮށް ރައްކާކުރަމުން އައީ ތެދު ހަގީގަތް. ކީއްވެ އަހަރެންނަށް ހަގީގަތް ހާމަ ނުކުރެވެންވީ؟" ކުރިން ރެކޯޑު ކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ޒަހާން ބުނެފައި ވެއެވެ.
"އަހަރެން ކުރަމުން އަންނަ މަސައްކަތް އަހަރެން ހުއްޓައެއް ނުލާނަން، ސަބަބަކީ، މިގައުމަށް ދެން ފަހަތަށް ދަތުރު ނުކުރެވޭނެތީ."
ޗައިނީސް ހިއުމަން ރައިޓްސް ޑިފެންޑާސްއިން ހާމަކޮށްފައިވާ ގޮތުގައި، ޒަހާން އެންމެ ފުރަތަމަ ގެއްލިފައިވަނީ، މިއަހަރުގެ މޭމަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ އެއްދުވަސްފަހުން، ކުއްލިއަކަށް، ޗައިނާ ސަރުކާރުން ހާމަ ކޮށްފައިވަނީ، ވޫހާންއާއި 640 ކިލޯ މީޓަރު ދުރުގައި އޮންނަ ޝަންހާއީ ޕޮލިސްއިން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޒަހާންގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިވަނީ، ފާއިތުވެދިޔަ ނޮވެމްބަރު މަހުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، "ޓޭކްސްޓް މެސެޖްތައް މެދުވެރި ކޮށްގެންނާއި، ވީޑިއޯއާއި ވީޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކޮށްގެންނާއި އަދި ޓުވިޓަރ ޔޫޓިއުބް މެދުވެރިކޮށްގެން ނުރަގަޅު މައުލޫމާތު ފެރުމުގެ" ދައުވާ ހިމެނެއެވެ.
އަދި މީގެއިތުރުންވެސް، ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދިނުމުގެ ކުށުގެ އިތުރުން، ވޫހާންގައި ފެތުރެމުންދިޔަ،. ކޮރޯނާ ވައިރަހާއިގުޅޭ ދޮގުމައުލޫމާތު ފެތުރުމުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލިފައި ވެއެވެ. ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް އިއުވުމަށް އެދުނީ 4 އަހަރާއި 5 އަހަރާއި ދެމެދުގެ ހުކުމެކެވެ.