މީރާއިން ހާމަކުރި ގޮތުގައި ނިމިދިޔަ ނޮވެމްބަރު މަހު އެ އިދާރާއަށް 1.89 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެއެވެ. މިއީ މިދިޔަ އަހަރުގެ ހަމަ މި މުއްދަތާ އަޅާބަލާއިރު 13.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނޮވެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ބުނާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައި މިވަނީ މައިގަނޑު ގޮތެއްގައި ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވާތީއެވެ. މީގެއިތުރުން އެއަރޕޯޓް ޓެކުހާއި ފީ އަދި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާ ގުޅިގެން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.5 އިންސައްތަ އިތުރުވެފައިވެއެވެ.
ނޮވެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. މިގޮތުން ޖީއެސްޓީގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ނުވަތަ މުޅި އާމްދަނީގެ 57.9 އިންސައްތަ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 171.62 މިލިއަން ރުފިޔާއެވެ.
އެހެނިހެން އާމްދަނީގެ ތެރޭގައި އެއަރޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 93.14 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ، އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން މި މަހު ޖުމުލަ 88.17 މިލިއަން އެމެރިކާ ޑޮލަރު ބަލައިގަނެވިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.