އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވައިފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަދި މާވިން އެސްވައި ވަރގަސްގެ މައްޗަށެވެ.
މި މައްސަލައިގެ އަޑުއެހުމުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިގޮތުން، ނިއުދިއްލީގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް މައްސަލައާ ގުޅޭ ސިރިންޖާއި ލޭގެ ސާމްޕަލްތަކެއްގެ އެނާލިސިސް ހެދި ޑޮކްޓަރެއްގެ ހެކިބަސް ނެގުނެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި، ފެންނަ ފެނުމަށް އެއީ ހުސް ސިރިންޖެކެވެ. އިތުރު ތަހުލީލުތައް ހެދިއިރު، ލޭގެ ސާމްޕަލްއިން "ސަކްސިނައިލްކޮލިން" ފެނުނު ނަމަވެސް، ސިރިންޖުން މި މާއްދާ ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި، 2021 އޮކްޓޯބަރު 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާގެ ގެ ބަލާ ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރީން ފެނުނު ސިޓީ އުރައެއްގެ ތެރެއިން ފެނިފައިވަނީ އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި ނަގާފައިވާ އިންޖެކްޝަންތަކެކެވެ.
މި އިންޖެކްޝަންތަކަކީ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެކެވެ. އޭގެ ތެރޭގައި "ސަކްސިނައިލްކޮލިން" އާއި "ޕޮޓޭސިއަމް ކްލޮރައިޑް" ހިމެނޭ 3 އިންޖެކްޝަން ހިމެނެއެވެ. މިއީ މީހުން ހޭނައްތައި، ވާގި ނައްތާލުމަށް އަދި މީހަކު މަރާލުމަށްވެސް ބޭނުންކުރެވިދާނެ ފަދަ އިންޖެކްޝަންތަކެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.