ސިޔާސީ ފައިދާ ހޯދުމަށް އެކި އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓްނުކޮށް ދޫކޮށްލުމުގެ ސަގާފަތް ނައްތާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މީގެކުރިން ނަމަ، އެކި އިންތިހާބުތަކާ ދިމާކޮށް ބޮޑެތި އަދަދުތަކުން ގައިދީން މިނިވަންކުރަމުންދިޔަ ނަމަވެސް، މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ގާނޫނުގައި އޮންނަ ފުރުސަތުތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ ޖުމުލަ 86 މީހުން ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ، މި ހިނގާ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރި، ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވި ނިންމެވުމަށް އިޝާރާތްކުރައްވާފައެވެ.
މި ސަރުކާރުން އިސްކަންދޭނީ ތަރައްޤީ އާއި ހަމަޖެހުމަށްކަމަށާއި، ސިޔާސީ ވިސްނުމެއްގައި ބަދަލުހިފުމުގެ ރޫޙެއްގައި މަސައްކަތްނުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި ބޭއްވި މި ބައްދަލުވުމާއެކު ރައީސުލްޖުމްހޫރިއްޔާ މި ވަނީ 170 ކައުންސިލާ ބައްދަލުކުރައްވާފައެވެ.
ރައްޔިންނާ ގާތުން ވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އިންތިޚާބުވެފައިތިއްބެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގެނައުމުގެ ބަދަލުގައި، އިންތިޚާބީ ދާއިރާތަކަށް ވަޑައިގެން ރައްޔިތުންގެ އަޑުއެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ އުޞޫލުކަން، މިއަދުވެސް އެމަނިކުފާނު ފާހަގަރެއްވިއެވެ.