ގއ. ދާންދޫގައި ހުންނަ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމަތީގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު، ނަގެހަލަ، އަޙްމަދު ޢަބްދުﷲ (33އ) ފެނުނުއިރު މަރުވިތާ 5 ގަޑިއިރު ވެފައިވާކަން އެނގިއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޞިފް ހާމަކުރެއްވި ގޮތުގައި، އަޙްމަދުގެ ހަށިގަނޑު ފެނިފައިވަނީ ފެނަކައިގެ ހުޅަނގު ފަރާތުގައި ހުންނަ ފަޅުގެއެއްގެ ބޭރުގައި އޮތް ވިނަގަނޑެއްގެ މަތިންނެވެ. މި މަގަކީ އާންމުން ގިނައިން ބޭނުންކުރާ މަގެކެވެ. ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔައިރު އަޙްމަދު ވަނީ މަރުވެފައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ދާންދޫ ހެލްތު ސެންޓަރުގެ ނަން ހާމަނުކުރަން އެދުނު މުވައްޒަފެއް ބުނި ގޮތުގައި، ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ހަރުވެފައެވެ. ޑޮކްޓަރުންގެ ބަހުން، އޭނާ މަރުވިތާ ގާތްގަނޑަކަށް 5 ގަޑިއިރު ވެފައިވާ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ހުރިކަން ނުވަތަ ނޫންކަން އަދި ޔަގީންކުރެވިފައެއް ނުވެއެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އާއިލާއާއެކު ދިރިއުޅެމުންދިޔަ އަޙްމަދު ރޭގެ ވަގުތެއްގައި ރަށުގެ ބައެއް މީހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި، ގެއަށް ކައިބޮއެ ހަދަންވެސް ގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. ކުރިން ފެނަކައިގައި މަސައްކަތްކުރި މި ޒުވާނުގެ މަރާ ގުޅިގެން އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އޭނާގެ ހަށިގަނޑު މިހާރު ވަނީ ގއ. ތިނަދޫއަށް ގެންގޮސްފައެވެ.