ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާއި ޖަޕާނުން ސޮއިކޮށްފި

ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާއި ޖަޕާނުން ސޮއިކޮށްފި

Author
ޢަލީ އާދަމް
28 ޑިސެމްބަރ 2020 03:28
0

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ސަބަބުން، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ޤައުމުތަކާއެކު ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ޖަޕާންވެސް ހިމެނެއެވެ.

އެމް.އޯ.ޔޫއަށްފަހު މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވި، އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއެކު ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުން ޤާއިމްކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިތުރުން ޖައިކާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.