ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެ: އާސަންދަ

ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެ: އާސަންދަ

އާސަންދަ ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެކަމަށް އެކުންފުނިން ބުނެފިއެވެ. އާސަންދަ ކުންފުނިން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން ނެރުނު ބަޔާނެއްގައެވެ.

އާސަންދައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކުރިން ދެމުން އައި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭހުގެ ޚިދުމަތް އަދިވެސް ދެމުންގެންދާނެއެވެ.

އާސަންދައިން ކަވަރުކުރާ ބޭސްތަކާއި އެ ބޭސްތަކަށް ލިބޭ ކަވަރޭޖްގެ މިންވަރު ބަލައިގަތުމަށް، އާސަންދަގެ ވެބްސައިޓްގެ "ޑައުންލޯޑްސް" ސެކްޝަންގައި ހިމެނޭ "މާސްޓަރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" އަށް ރުޖޫޢަވުމަށް އާސަންދައިން އިރުޝާދު ދީފައިވެއެވެ. އަދި، ސްކީމުން ކަވަރު ނުކުރާ ޚިދުމަތަކާ ގުޅިގެން ދޭ ބޭހެއްނަމަ، ބޭސް ސިޓީގައި "ނޮޓް ކަވަރޑް" މިހެން ލިޔެފައި އޮންނާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

ސްކީމުން ކަވަރުކުރާ ބޭހެއް ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސްފިހާރައަކުން ލިބެން ނެތް ޙާލަތެއްގައި، މިކަން ޝިކާވަތި ޗެޓްލައިން 7951400 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ރިޕޯޓްކުރުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އާސަންދައިން އަންގާފައިވެއެވެ.

މީގެއިތުރުން، އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމުގެ މަޤްޞަދުގައި، އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *