ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތާ ދުރުވާން ބާރު އެޅުމަށް ދުންފަތާ ދުރުވުމުގެ ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗު، ގަމް ފަދަ ތަކެތި އާސަންދައިން ކަށަވަރުކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް މި ފަހުން އަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ބޮޑު ކުރުމާއި ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކުން މަނާ ކުރުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވެދޭ ސިޒޭޝަން ކްލިނިކްތައް ހުރިހާ ރަށެއްގައި ގާއިމްކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ސިޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭ ގޮތް ހެދުމަށް ކުއިޓް ލައިން އެއް ގާއިމު ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިއީ 24 ގަޑިއިރު ހިދުމަތް ލިބޭނެ ކުއިޓް ލައިންއެއް. އަންނަ އާދިއްތަ ދުވަހުން ފެށިގެން 24 ގަޑިއިރު މި ކުއިޓް ލައިންގެ ހިދުމަތް އެޗްޕީއޭ މެދުވެރިކޮށް ދެވެމުން ދާނެ. ނަންބަރަކީ 1676." ނާޒިމް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތައް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ހަމަޖައްސަވާފައިވެއެވެ.