ސަން ކުންފުނީގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަން

ސަން ކުންފުނީގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަން

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 01:33
0

ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން މިއަދު ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސަން ކުންފުނީގެ ވަކީލް އަލީ ޝާހު ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަން ހުށަހެޅީ އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެއަށް ވާ ދިވެހި ރުފިޔާ އެ މަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތުކުރަން ކަމަށެވެ. ދެވަނަ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝާމިލް ކިޔާ މީހެކެވެ.

މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި 30 ލިޔުމެއް ވެސް ސަން ކުންފުނީގެ ފަރާތުން މިއަދު ހުށަހެޅި އެވެ. އޭގެ ތެރޭގައި ޔާމީންގެ ތަހުގީގު ބަޔާނާއި ބައެއް ތަހުގީގު ރިޕޯޓްތަކާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބައެއް ލިޔުންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސަން ކުންފުނީގެ މުވައްޒަފުންނާއި ވިޔަފާރީގެ މައުލޫމާތުތައް ހިމެނޭ ބައެއް ލިޔުންތައް އާންމު ނުކުރެވޭ ގޮތަށް، ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ ކުންފުނިން އެދުނެވެ. ނަމަވެސް ދައުލަތަށް އެ ލިޔުންތައް ހިއްސާކުރަން ދެކޮޅު ނަހަދާ ކަމަށް ޝާހު ވިދާޅުވި އެވެ.

މި މައްސަލައިގައި މިހިނގާ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާފައިވާއިރު، އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ. އެގޮތުން، ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއެކު އިތުރު ބައެއް ހިމެނޭގޮތަށް ހެކިން ހުށަހަޅާފައެވެ. އަދި ކިތާބީ ހެކިވެސް މައްސަލައިގެ ފޯމާއެކު ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދެ ފަރާތުން ވެސް ހުށަހެޅުން ކަމަށެވެ. އެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ފަސް ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.