ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުވުމާއެކު، ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން އިތުރުވެ، ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ފާހަގަކުރެއްވި ގޮތުގައި، ފުނަދޫގައި މިހާރު ތެޔޮ ރައްކާކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އަދި ބޮޑެތި ބޯޓުފަހަރު އެރަށާ ހަމައަށް ގެންދިއުމަކީވެސް ދަތިކަމެއް ކަމުގައި ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ފުނަދޫގައި ކުރަމުންގެންދާ މި މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ ކުންފުނީގެ އެންމެ ބޮޑު އެއް މަޝްރޫޢު އެވެ. މި މަޝްރޫޢުގެ ދަށުން އެއްފަހަރާ ގިނަ އަދަދެއްގެ ތެޔޮ ރާއްޖެއަށް އެތެރެކޮށް ރައްކާކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢަށް މިހާރު ވަނީ ކޮންސަލްޓަންޓެއް ހަމަޖައްސާފައެވެ. އަދި މިހާރު ކުރިއަށްދަނީ ޑިޒައިންކުރުމާއި ކޮންސެޕްޓުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢު ނިންމުމަށް 18 އިން 24 މަސްދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
ފުނަދޫ ތަރައްގީކުރުމަށް ސަރުކާރުން ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިގޮތުން މިއަހަރުގެ ޖަނަވަރީމަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުނަދޫގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމްކުރެވިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ