އަންނަ އަހަރުގެ ދީނީ ހޭލުންތެރިކުރުމުގެ ޕްލޭންގައި އެންމެ އިސްކަމެއް ދެއްވާނީ ނަމާދުކުރަން އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ފެސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވިގޮތުގައި، 2025 ވަނަ އަހަރު ހުރިހާ ސަރަހައްދެއްގައި، އަދި ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށް ނަމާދަށް އަހުލުވެރިކުރުވުމާއި، ނަމާދަށް ލޯބި ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީވެސް ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖައްސައި، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމައެއް ބިނާކުރެއްވުމެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ އެކި މުނާސަބަތުތަކުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ނަމާދުގެ ޖަމާއަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ދާއިރާއިން ފުރަތަމަ ކުރެއްވި އެއް މަސައްކަތަކީ، ދީނުގެ ކަންކަން އޮޅުންފިލުވައިދީ، ޒަމާނަށް އަންނަ ބަދަލުތަކުގެ ތެރޭގައިވެސް އިސްލާމްދީނުގެ މުހިންމު އަސާސްތަކުގެ މަތީގައި ދެމިތިބުމަށް ބޭނުންވާ އިލްމާއި ތަމްރީނު، ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނާއި ދީނީ އިލްމުވެރިންނަށް ދެއްވުމެވެ. މިގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްސަ ތަމްރީނުތައްވެސް ދެވިފައިވެއެވެ.