ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަކި އެއްޗެއް ވިދާޅުވާން މިއަދު ދެކޮޅު ހައްދަވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން އެމްޑީޕީގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި އެކަމުގައި ނިންމަވާފައިވާ ގޮތް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތާއި އަޅުގަނޑުގެ ކުރިމަގާ ބެހޭ ގޮތުން ޕާޓީގެ އިސްވެރިންނާ އަޅުގަނޑު ވާނީ ވާހަކަ ދައްކާފައި. އެކަން އަޅުގަނޑު ކުރިއަށް ގެންދާނެ ގޮތް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު، ޝައްކެއް ނެތް މިންވަރަށް،" ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް "ހަތަރު ފަސް" މެމްބަރަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ވާދަވެރި އެތެރޭގެ އިންތިހާބެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނިންމެވި ނިންމެވުމުން މިއަދު އާންމުކޮށްފި ނަމަ އޭގެ ސަބަބުން ޕާޓީ އަށް ލިބޭ ފައިދާ އަށް ވުރެ ކުރިމަތިވެދާނެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ. އެކަމަކު، އެންމެ ރަނގަޅު ދަނޑިވަޅެއްގައި އެ ނިންމެވުން އާންމު ކުރައްވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
"ނަގާފައި އޮތް ޑިސިޝަން ހާމަކޮށްފިއްޔާ ޕާޓީއަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވެދާނެހެން އަޅުގަނޑަށް ހީވަނީ. އެކަމަކު އަޅުގަނޑު ހާމަކުރާނަން. އެކަން ކުރަންޖެހޭނެތާ،" ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބު ތަފްސީލްކޮށް ދެއްވައި ސޯލިހް ވިދާޅުވިއެވެ.
ދެހާސް އަށާވީސް ވަނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ވަކި ގޮތެއް ނުނިންމަވައެވެ.