މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ޓޫރިޒަމް ސިނާއަތުން ދިވެހި ދައުލަތަށް 746 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކުސްތަކާއި ފީތަކާއި ކުލީގެ ގޮތުގައި ޑޮލަރުން ލިބިފައިވާ އާމްދަނީއެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ޓޫރިޒަމް ސިނާއަތުން ސީދާ އަދި ނުސީދާ ގޮތުން ޓޫރިސްޓުން އަތުން ނަގާ ޓެކުހުގެ ގޮތުގައި 576.9 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި 52.7 މިލިއަން ޑޮލަރު، ޓީޖީއެސްޓީގެ ގޮތުގައި 469.05 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 55.2 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 515 މިލިއަން ޑޮލަރާ އަޅާބަލާއިރު 11.8 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކުހުގެ އިތުރުން ޓޫރިޒަމް ދާއިރާއިން ޓެކުސް ނޫން ގޮތްގޮތުން މި އަހަރު 170.7 މިލިއަން ޑޮލަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މީގެ ތެރޭގައި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 56.1 މިލިއަން ޑޮލަރު، އެކުއިޒިޝަން ފީގެ ގޮތުގައި 6.3 މިލިއަން ޑޮލަރު، ލީސް އެކްސްޓެންޝަންގެ ގޮތުގައި 15 މިލިއަން ޑޮލަރު، ޓޫރިޒަމް ރެންޓްގެ ގޮތުގައި 92.3 މިލިއަން ޑޮލަރު އަދި ޓޫރިޒަމް އެޑްމިޝަން ފީގެ ގޮތުގައި 1 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 130 މިލިއަން ޑޮލަރާ އަޅާބަލާއިރު 35.8 އިންސައްތައިގެ އިތުރުވުމެކެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ސިނާއަތާ ގުޅުންހުރި ޓީޖީއެސްޓީ ރޭޓާއި، ގްރީން ޓެކުހާއި، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އަދި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައެވެ. މި އިސްލާހުތަކާއެކު އަންނަ އަހަރު ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ މި އަހަރަށްވުރެ ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.