ބީއެމްއެލް އިސްލާމިކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިންގ ތައާރަފްކޮށްފި އެވެ.
ގްރީން ފައިނޭންސިންގ މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި %12 ގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރާނެ ކަމަށް ބީއެމްއެލުން ނުބެއެވެ. މި ސްކީމްގައި އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ހަރަދެއްކުރން ނުޖެހޭނެކަމަށްވެސް ބީއެލްއެލުން ބުނެއެވެ.
މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް %10 ގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިންގ ދޫކުރުމަށް ހަމަޖެހިފައި ވާކަމަށްވެސް ބީއެމްއެލުން ބުނެއެވެ. މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ޚަރަދުގެ %15 އަމިއްލަ އަށް ހަރަދު ކުރަން ޖެހޭއިރު ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭގޮތަށް ވެސް ބީއެމްއެލުން ވަނީ ކަނޑައަޅާފައެވެ. މި ސްކީމަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައަޅާފަ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ގްރީން ފައިނޭންސިންގ އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.
"މިއަދު މި ތައާރަފްކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ."
– ސުރީ ހާނިމް
މިއީ އެނާރޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެއް ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް އިސްލާމިކް ހިދުމަތްތަކަކީ އިސްލާމިކް ބެންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ދޭ ހިދުމަތެއް ކަމަށްވެސް ގައުމީ ބެންކުން ބުނެއެވެ. ގްރީން ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށާއި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅޭނެ ކަމަށް ބެންކުން ބުނެއެވެ.