އަންނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު އެ ތާރީހުގައި ނުބޭއްވޭނެކަން ކަށަވަރުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އީސީން އަންނަނީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ގާތްވާއިރު އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ވިސްނުން:
ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރަކު ވިދާޅުވީ ޤާނޫނު އިސްލާހު ކުރުމަށް ޕީޖީ ގްރޫޕުގެ ތެރޭގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ޤާނޫނަށް އިސްލާހު ގެނެސް މަޖިލިސް ތެރެއިން ކުރެވެން އަންނަނީ އެންމެ އަވަސް ވެގެންވެސް މަޖިލިސް ފެބްރުއަރީ މަހުގައި ހުޅުވުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮތުމާއިއެކު އަދި ގިނަ މެމްބަރުން މާލޭގައިވެސް ނެތުމުން ޤާނޫނަށް އިސްލާހު ކުރުމުގެ މަސައްކަތް މަޑު ޖެހިފައިވާކަމަށެވެ.
އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އިންތިޚާބު ބޭއްވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް އިލެކްޝަން ކޮމިޝަނުން އެދެމުންދިޔަ ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވިސްނުން މިހާރު ހުރިގޮތުން ޤާނޫނަށް ބަދަލު ގެނެސް އިންތިޚާބު ބާއްވާނަމަ، އެންމެ އަވަހަށްވެސް ދެން އިންތިޚާބު ބޭއްވިގެންދާނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ.
ޤާނޫނީ ހުރަސްތަކާއިމެދު ޤާނޫނީ ބޭފުޅުން ދެކޭ ގޮތް:
ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތައް މަތިކޮށް އިލެކްޝަން ކޮމިޝަނުން އިންތިޚާބުގެ ނުބޭއްވުމުގެ ބަހަނާތައް ދައްކާއިރު، ޤާނޫނީ ބޭފުޅުން ވިދާޅުވަމުންދަނީ މިހާރު އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހަލަތާއި މަތިކޮށް މަތިކޮށް އިންތިޚާބު ނުބާއްވަން ދައްކާ އުޒުރަކީ ޤާނޫނު އަސާސީއާއި ޚިލާފު އުޒުރެއްކަމަށެވެ.
އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ހެލްތު އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއްކަމަށެވެ.
ޤާނުނު އަސާސީގެ 255 ގެ (ނ) ގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ޙައްޤެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށް ކަމުގައެވެ.
އިލެކްޝަން ކޮމިޝަންގެ ވިސްނުން ހުރިގޮތް:
އިންތިޚާބު ބޭއްވުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ބުނަމުންދަނީ މިހާރު އިއުލާންކޮށްފައިވާ ޞިއްޚި ކުއްލި ނުރައްކަލުގެ ހާލަތު އޮއްވައި އިންތިޚާބު ބޭއްވުމުގެ ޤާނޫނީ ހައިސިއްޔަތެއް އެކޮމިޝަނަކަށް ނެތްކަމަށެވެ. އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މީގެ ކުރިން ވަނީ ވިދާޅުވެފައިއެވެ.
ކޮމިޝަންގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށްޓަކައި ގާނޫނު ނަމްބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަބީބް އެ ފާހަގަ ކުރައްވަނީ އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާއެވެ.
މިހުރިހާ ވާހަތަކަށް ބަލައި ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިޚާބު ނުބޭއްވޭނެ ކަމީ މިހާރު ޔަގީންވާކަމެކެވެ. އިންތިޙާބު ބޭއްވުމަށް ހުއްދަ ދިން ކަމުގައި ވީނަމަވެސް އަދި އޮތް ގޮންޖެހުންތައް މަދެއްނޫނެވެ. އިންތިޚާބަށް ބޭނުންވާ ބަޖެޓު ނެތުމުގެ ޝަކުވާއަކީވެސް އިލެކްޝަންގެ ބޮޑު ޝަކުވާއެކެވެ. ކޮމިޝަނުން ބުނެފައިވަނީ މިހާރު އޮތް ބަޖެޓަކުން އިންތިޚާބު ނުބޭއްވޭނެކަމަށެވެ. މިހުރިހާ ބަހަނާތަކާއިއެކު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންތިޚާބު ނުބޭއްވުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމަށެވެ. އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ބޮޑުތަނުން ބަލިވެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެގެންދާނެކަމަށް އިކޮޅުން ދަނީ ބުނަމުންނެވެ.
އިންތިޚާބު ބާއްވާނެކަމުގެ އިންތިޒާރުގައި މިހާރުވެސް އެތައް ކަނޑިޑޭޓުނެއް ކެންޕެއިންކޮށް، ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، އިންތިޚާބު ނުބާއްވާނެކަމަށް ބަލައި ބައެއް ކެންޑިޑޭޓުން ވަނީ ނަންވެސް ނަގާފައެވެ. އިންތިޚާބު ބާއްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، ޤާނޫނީ ގޮތުން ހުރި މައްސަކަތައް ހައްލުކޮށްގެން އިންތިޚާބް ބާއްވާނަމަ އިންތިޚާބު މާރޗް މަހު ނުބޭއްވޭނެކަމީ އެއްވެސް ޝައްކެތް ނެތް މިންވަރަށް މިހާރު ޔަގީން ވެފައިވާކަމެކެވެ.