ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތާއި ގުޅޭ މައްސަލަ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅައިފި

Author
ހުސެއިން
04 ނޮވެމްބަރ 2024 01:57
0

ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ދަށްވުމާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ޙުށަހަޅައިފިއެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިކަން ސައުދުﷲ ވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ހާމަކޮށްފައެވެ. އަދި މިކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރާއި މެމްބަރުންނަށް ޝުކުރުވެސް އަދާކުރައްވާފައިވެސް ވެއެވެ.

1993 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުވުނު މި އެއާޕޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ސަރަހައްދީ ފަސް އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓެވެ. މިހާރު މި އެއާޕޯޓް ހިންގަމުން ގެންދަނީ ވިލާ އެއާއިންނެވެ.

ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ދަށްވެފައިވާ މިންވަރު އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ސައުދުﷲ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއާޕޯޓުގެ ޓްރޯލީތަކުގައި މައްސަލަ ޖެހިފައިވުމުގެ ސަބަބުން ފޮށިތައް ދަމަމުން ވަރަށް ހާލުގައި އުޅެންޖެހޭ ހާލަތަށް ރައްޔިތުން ވަނީ ގޮސްފައެވެ. އެއާޕޯޓް ސަރަހައްދުގައި ހުންނަ މިސްކިތް ސާފުނުކުރުމުގެ ސަބަބުން އެތަނުގައި ހިނިތަކާއި ހިރަފުސް ވަނީ ގިނަވެފައެވެ.

މީގެ އިތުރުން އެއާޕޯޓް ކެންޓީނުގެ ފެންވަރު ވަރަށް ދަށްވެފައިވާއިރު، ފަންކާތަކާއި އޭސީތައްވެސް މަސައްކަތް ނުކުރެއެވެ. އަދި އެއާޕޯޓުގެ ފާހާނާތައްވެސް ވަނީ މުޑުދާރުވެފައެވެ.

"ވަގުތު" އާ ވާހަކަދައްކަވަމުން ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި ބަލި ދެމީހަކު މާލެ ގެންދިއުމަށް އެއާޕޯޓަށް ގެންދިއުމަށްފަހު ބައިތިއްބާފައި ވަނީ އަލިކަމެއް ނެތް ކޮޓަރިއެއްގައެވެ. އެއާޕޯޓުގެ ހާލަތު ވަރަށް ގޯސްކަމާއި އެކަން ރަނގަޅުކުރުމަށް ވިލާއިން އެއްވެސް މަސައްކަތެއް ނުކުރާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.