ނަސްރުގެ ދުވަސް: އުދުވާނީ ހަމަލާއަށް 36 އަހަރު، އެއީ މިނިވަންކަމަށް ކުރިމަތިވި އެންމެބޮޑު ނުރައްކާ!

ނަސްރުގެ ދުވަސް: އުދުވާނީ ހަމަލާއަށް 36 އަހަރު، އެއީ މިނިވަންކަމަށް ކުރިމަތިވި އެންމެބޮޑު ނުރައްކާ!

ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑު ގޮންޖެހުމަކާއި ނުރައްކަލެއް ކުރިމަތިވެގެންދިޔަ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެއީ ކަނޑިބަޑީގެ ނުރައްކާތެރިކަން މިޖީލު ތަޖުރިބާކުރި، އެ ބިރުވެރި ހާދިސާގެ ހަނދާންތައް އަދުގެ ދިވެހީންގެ ހިތްތަކުން ފިލާ ނުދާނޭ ދުވަހެއްވެސް މެއެވެ.

އަދުވަހުގެ މަންޒަރުތައް ލޮލުންދެކި، އަމަލީގޮތުން ތަޖުރިބާކުރި އެތައް ދިވެހީންނެއް އަދިވެސް ދިރި ދުނިޔޭގައި އެބަތިއްބެވެ.

ކުޑަކުޑަ އާބާދީއެއް އޮތް، އަސްކަރީ މާބޮޑު ބާރެއް ނެތް ދިވެހިރާއްޖެއަށް އެދުވަހުގެ އިރުގެ ދޯދިތައް އުދަރެހުން ފާއްދާލީ ބަޑިއާއި ބޮމުގެ ބިރުވެރި އަޑުތަކާއި، ހާސްކަމާއި، ނުތަނަަވަސްކަމުގެ ޖައްވަކަށެވެ. ދިވެހިންގެ މިޖީލު ދުވަހަކުވެސް އުއްމީދު ކޮށްފައި ނުވާފަދަ ބިރުވެރި މަންޒަރުތައް އެދުވަހު ފުރަމާލޭގެ މަގުމަތަކުގައި ތަމްސީވާން ފެށީ، ނޮވެމްބަރުމަހުގެ 2 ވަނަ ދުވަހުރެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްރީލަންކާގައި ހަރަކާތްތެރި ވަމުންދިޔަ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޮޓް"ގެ ހަނގުރާމަވެރި ސިފައިން ކުއްލިއަކަށް މާލެ އަރައިގަތުމާއި ހަމައިންނެވެ.

ސްރީ ލަންކާގެ ޕްލޮޓް ޖަމާއަތުގެ މިހަމަލާ އޭރުގެ ސަރުކާރަށާއި އަދި ދިވެހި ސިފައިންނަށްވެސް ލިބިގެންދިޔަ ކުއްލި ހައިރާންކަމަކާއި ސިހުމަކަށް ވެގެން ދިޔައީ، މިފަދަ ނުރައްކާތެރި ހަމަލާއެއްގެ މައުލޫމާތު އޭގެ ކުރިން ލިބިފައި ނުވުމާއެކު، އަދި މި ހަމަލާގައި ދިވެހީންގެ ބަޔަކުވެސް ޝާމިލްވެފައިވާކަން ހާމަވެގެން ދިއުމާ ހަމައިންނެވެ.

އަދި އޭރުގެ ދިވެހި އަސްކަރިއްޔާއަކީ އެފަދަ އަސްކަރީ ހަމަލާއަކަށް ފުރިހަމަޔަށް ތައްޔާރުވެފައި އޮތް އަސްކަރީ ބާރަކަށް ނުވުމާއެކު، ތަމަޅައިން އޭރުގެ ނިސްބަތުން ވަރުގަދަ ހަތިޔާރާއެކު މާލެއަށް އަރާ، މާލޭގެ ބައެއް ސަރަހައްދުތައް އެމީހުން ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވަނީ ފަސޭހަކަމާއެކުކަން ތާރީޚީ ފޮތްތަކުން އެގެން އެބަހުއްޓެވެ.

ނޮވެމްބަރު 3ގެ ދުއުވާނީ ހަމަލާގައި ބާޢީންގެ އެންމެ ފުރަތަމަ އަމާޒަކަށް ހެދީ ސިފައިންގެ މައި މަރުކަޒު އެމީހުންގެ ބާރުގެ ދަށަށް ގެނައުން

މިގޮތުން، ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިން މާލެއަށްއަރާ، ނޮވެމްބަރުމަހުގެ 3 ވަނަދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ އެހީއާއެކު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔައެވެ. އަދި އެއާއެކު ކުލީ ސިފައިންގެ އެންމެ މުހިންމު އަމާޒަކަށް، ރާއްޖޭގެ ދިފާއީ ބާރު ކުލީ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ހަދާ، ސިފައިން މައި މަރުކަޒު ހިފުމަށް ކުރި ވަރުގަދަ ހަނގުރާމާގައި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ.

މި އުދުވާންގައި ގައުމީ ދިފާއީ ބާރުގެ ހިމާޔަތުގައި ހަނގުރާމަކުރަމުގައި އެންމެ ފުރަތަމަ ޝަހީދުވެގެން ދިޔަ ބަތަލުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކަށް ވެގެން ދިޔައީ ޝަހީދު ހުސެއިން އާދަމްއެވެ. ތާރީޚީ ފޮތްތަކުގައާއި އެތާރީޚު ކިޔައިދޭ ފަރާތްތަކުން މިއަދުވެސް ވިދާޅުވާ ގޮތުގައި، ޝަހީދު ހުސެއިން އާދަމް ސިފައިންގޭގެ މައި ދޮރާށީގައި ގާއިމްވެ ހުންނަވާ ދެމުންދިޔަ ރައްދު ހަމަލާތައް އެދުވަހު ވެގެން ދިޔައީ، ބާޢީންގެ ބާރުގެ ދަށަށް ސިފައިންގެ ގެންދިއުމުގައި އެމީހުންނަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ. ނުވަތަ ހުރަސް ކަމުގައެވެ.

ނޮވެމްބަރު 3ގެ މަތިވެރި ޖިހާދުގައި، ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދު ވެގެން ގޮސްފައެވެ.

 

ބިރުވެރި ދުވަހެއް! އެދުވަހުގެ ހަނދާންތައް އަދިވެސް ހިތްތަކުން ފިލާ ނުދޭ!

ދިވެހީންގެ ތެރެއިން ގައުމަށް އައްދާރުވީ ބަޔަކާއި ގުޅިގެން، ތަމަޅައިންގެ ކުލީ ސިފައިން، ދިވެހި ގައުމު ހިފުމަށް 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ކުރި ހަނގުރާމާގައި، އެބައި މީހުންނާއި ގައުމީ ދިފާއީ ބާރާ ދެމެދު ބަދަލު ކުރެވެމުންދިޔަ ބަޑީގެ ހަމަލާތަކުގެ އަޑުތައް، ދުވަހުގެ އިރުން ފެނުންމައްޗަށް ތޮޅިލުމާއެކު މުޅި މާލެ ތެރެއަށް ފެތުރިގެން ދިޔައެވެ.

ދުވަހުގެ ބަޡަލް ޝަހީދު ހުސެއިން އާދަމްގެ ރައްދު ހަމަލާތައް ވެގެން ދިޔައީ ބާޢީންނަަށް ސިފައިންގެ މައިމަރުކަޒު ހިފުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް

އަދި އިސާހިތަކު މާލޭގަ އޭރު ދިރިއުޅެއްމުންއައި އާންމު ރައްޔިތުންނަށް، މިއީ ހިގަމުންދާ އަސްކަރީ ތަމްރީންތަކެއް ނޫންކަން ވަޒަން ކުރެވި، މި އުދުވާނީ ހަމަލާގެ ނުރައްކާތެރިކަން މުޅި މާލެތެރެއަށް ވެރިވެގެން ދިޔައެވެ. މިއިން ޒަމާނަކުވެސް ކަނޑި ބަޑީގެ ހަނގުރާމައިގެ ތަޖުރިބާއެއް ކޮށްފައި ނުވާ ދިވެހީން ހޭލައްވާލީ ދުވަހުގެ ނުރައްކާތެރިކަމާއި ނާމާންކަމުގެ ތެރެއަށެވެ.

މިގޮތުން އެ ޒަމާނަކީ މުވާސަލާތީ ގޮތުން އެހާ ކުރިއަރާފައިވާ ޒަމާނެއް ނޫންކަމުން، ރާއްޖޭގެ ޚަބަރުތައް ހޯދުމަށް ދިވެހިން ބޭނުން ކުރަމުންދިޔަ މައި ވަސީލަތަކީ ރޭޑިއޯ ކަމަށްވުމާއެކު، ރާއްޖެތެރޭގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ވެރިރަށް މާލޭގައި އާދަޔާ ޚިލާފްކަމެއް ހިގައިގެން އުޅޭކަމުގެ އިހުސާސް އެންމެ ފުރަތަމަ ކުރެވިގެން ދިޔައީ، ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ކުއްލިއަކަށް މެދުކެނޑުމާ ހަމައިންނެވެ.

އެހާތަނުން ރަށްރަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށްވެސް ކަމެއް ގޯސްވެގެން އުޅޭކަމުގެ އިހްސާސް ކުރުވިއެވެ. އަދި މާލޭގެ ޚަބަރު ހޯދުމަށްޓަކައި ބޭރުގެ އެކި ރޭޑިއޯ ޗެނަލްތަކަށް ޓިއުންކުރުމަށް ކުރި މަސައްކައްކަތުން އިންޑިއާގެ އެކި ޗެނަލްތަކާއި، އިނގިރޭސި ޗެނަލްތަކުގެ އެހީގައި ލިބުނު ޚަބަރުތަކުން ވެރިރަށް މާލެއަށް ބާޣީން އަރައިގެން އުޅޭކަމުގެ ޚަބަރު އަތޮޅުތެރޭގައި ދިރިއުޅުނު ރައްޔިތުންނަށްވެސް އިވިގެންދިޔައެވެ. އަދި އަނެއްބައި ރަށްރަށަށް މި ޚަބަރު ފޯރުކޮށްދީފައިވަނީ ވޯކީ ޓޯކީ މެދުވެރިކޮށެވެ.

މުއާސަލާތީ މަދު ވަސީލަތްތަކެއްގެ ޒަރީއާއިން މާލެއާއި ރާއްޖެތެރޭގެ އެކި ކަންކޮޅުތަކާއި ހަމައަށް ވެރިރަށް މާލޭގެ ހާލަތާއި ގުޅުންހުރި މައުލޫމާތު ފޯރުމާއެކު، ރަށްތަކުގައި ދިރި އުޅެމުންދިޔަ އެތައް ރައްޔުތުންނެއްގެ ހިތްތަކަށް ބިރުވެރިކަން އިހުސާސްކުރެވި، ގިނަ ރައްޔިތުން އަވަސްވެގަތީ މިސްކިތްތަކަށް އަރާ ދުއާ ދެންނެވުމަށެވެ. އަދުއްވުންނާއި ޚާއިނުންގެ އުދުވާނުން ދިވެހި ގައުމަށް ސަލާމަތާއި ރައްކާތެރި މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ދެންނެވުމަށެވެ. އެދުވަހު މާލެއާއި ރާއްޖޭގެ ރައްތައް ތަކްބީރުގެ އަޑުން ގުގުމާލިއެވެ.

ވެރިރަށް މާލޭގެ ހާލަތު މުޅި ދުވަހު ނުތަނަވަސްކަމާއި އުދާސްކަމުގައި އޮތްނަމަވެސް، ދޫނުދީ ދިވެހި އަސްކަރީ ބާރުން އެދުވަހު ދެމުންދިޔަ ރައްދު ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ދުވަހުގެ އިރު އޮއްސުމާހަމައަށް ދިޔައިރުވެސް ބާޢީންނަށް ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު އެމީހުންގެ ބާރުގެ ދަށަށް ގެންދެވޭ ގޮތްނުވެ ބާޢީންގެ ސަފުތަކަށް މާޔޫސްކަން ވެރިވާން ފެށުމެވެ.

އެއާއެކު ސަރުކާރުގެ ބައެއް އިސްވެރިންނާ އާންމު ރައްޔިތުންގެ ތެރެއިންވެސް އެމީހުންނަށް ހައްޔަރު ކުރެއްވު މީހުން ރަހީނުކޮށް، ޖުމުހޫރީ މައިދާނުގައި އެމީހުންގެ އައްޑަނައެއްގެ ގޮތުގައި ރަހީނުކުރި ދިވެހީން ބައިތިއްބައިގެންވެސް ދިފާއީ މަރުކަޒަށް ދިން ހަމަލާތައް ކާމިޔާބު ނުކުރެވި، އެންމެފަހުން ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ "ޕްރޮގްރެސް ލައިޓް" ގައި ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެން ފުރައިގެން ދަތުރު ފެށީ ސްރީލަންކާއަށެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި 19 ދިވެހީން ވަނީ ޝަހީދު ކޮށްލާފައި

އެހެންނަމަވެސް، އެމީހުން ދަތުރުގެ ވަކި ހިސާބަކުން، ޕްރޮގްރެސް ލައިޓަށް އިންޑިއާ ސިފައިން ދޭންފެށި ހަމަލާތަކާއެކު އެ އާގު ބޯޓުގައި ދަތުރު ކުރަމުންދިޔަ ބާޢީންނާއި ދިވެހި ޚާއިނުން އަމާންދީ ބޯޓު އިންޑިއާކަނޑަށް އަޑިއަށް ދިޔައީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރަކުން ދިން ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެހެންނަމަވެސް ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ތިބި "ޕްރޮގްރެސް ލައިޓް" އިންޑިޔާ ސިފައިން އަތުލައިގަތްއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.

 

އުދުވާނަށް 36 އަހަރު، ގައުމުގެ މިނިވަންކަމަށް މިއަދު އޮތް ނުރައްކާ ކުޑައެއް ނޫން!

1988 ވަނަ އަހަރުގެ 3 ވަނަ ދުވަސް ވެގެން ދިޔައީ ދިވެހީންގެ މިޖީލު ދުށް އެންމެ ބިރުވެރި ނާމާން ދުވަސް ކަމުގައެވެ. ތާރީޚުގައިވެސް ބިރުވެރިކަމާއި އަނދިރިކަމާ ނާމާންކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ފަވާލާފައިވާ މިދުވަސް ދިވެހިންގެ ނަސްރުގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާ ސަރުކާރުން މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

އެއަށްފަހު ރައީސް މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމުމަމަށް އައުމާހަމައަށް ނަސްރުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަމުން އައި ދުވަހެކެވެ. އެދުވަހުގެ ބަތަލުންގެ ހަނދާންތައް އައިސްފައިވަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. ދިވެހީންގެ މިނިވަންކަމާއި ތޮޅޭން އައި ބާޢީން ބަލިކޮށް، ދިވެހި ސިފައިން ހޯދި މަތިވެރި ނަސްރުގެ މަތީން ހަނދާން އާކޮށް ޝުކުރިވެރިވުމުގެ ދުވަހެއްގެ ގޮތުގައެވެ.

އެހެންނަމަވެސް 2008 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ފެށިގެން ދިއުމާހަމައިން ނަސްރުގެ ދުވަސް އެއީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން އައި އައުން ބަދަލުވެ، ނަސްރުގެ ދުވަހުގެ ކުލަތައް ވަނީ ފަނޑުވާން ފަށާފައެވެ. އޭގެ ފަހުން އައި ގިނަ ސަރުކާރުތަކުން އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އައިސްފައެއް ނުވެއެވެ. މިގޮތުން ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ނަސްރުގެ ދުވަހުގެ ކުލަތައް ފަނޑުވެ، އެ ހަނދާންތަކާއި ބައެއް މީހުން މިވަނީ ދުރަށް ދާން ފަށާފައެވެ. އަދުގެ ތައުލީމީ ފޮތްތަކުން އެދުވަހުގެ ކުލަތަށް ވަނީ ފަނޑުވާން ފަށާފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ނޮވެމްބަރު 3 ގެ ހާދިސާއަށް 34 އަހަރު ފުރިގެން ގޮސްފައިވާއިރު, މިއަދު ގައުމުގެ އެއްބައިވަންތަކަން ވެނީ ގެއްލި, ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުން އެދުވަހަށްވުރެ ކުޑައެއް ނޫން

ހަގީގީ ސަބަބަކަށް ވެގެން ގޮސްފައިވަނީ ގައުމުގައި އަށަގަންނަމުން އައިސްފައިވާ ސިޔާސީ ބައިބައިވުންތަކެވެ. ސިޔާސީ ހަމަނުޖެހުންތަކެވެ. އުފެދެމުންދާ ސިޔާސީ ފިތުނައާއި، އޭގެ ހަސަދައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ނޮވެމްބަރު 3ގެ ހާދިސާއަށް 36 އަހަރު ފުރިގެން ދިޔައިރު، އެދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަން ނެތިގޮސް، އެ އުޚުއްވަތްތެރިކަން މިއަދު ފެންނާން ނެތުމެވެ. ދިވެހިންގެ މެދުގައި އޭރުއޮތް ދީނީ އެއްބައިވަންތަކަމާއި ގައުމީ ލޯބި މިއަދާއި ހަމައަށް ދެމި އޮތްތަނެއް ފެންނާކަށް ނެތެވެ.

ގެއްލިގެން ގޮސްފައިވާ ގައުމީ އެއްބައިވަންތަކަމާއި، މިއަދު ގައުމަށް ވެރިވެފައިއޮތް ސިޔާސީ ބައިބައިވުން ވެގެން ގޮސްފައިވަނީ، އެދުވަހު ކަނޑިއާ ބަޑިން ގައުމަށް ކުރިމަތިވެގެންދިޔަ ބިރުވެރިކަމާއި ނާމާންކަމަށްވުރެ ކުޑަ ނުރައްކަލެއްގެ ގޮތުގައި މިއަދު ސިފަވާން ނެތްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *