އާސަންދަ ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

އާސަންދަ ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

Author
ހުސައިން
01 ނޮވެމްބަރ 2024 09:09
0

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުގެ ދަށުން، އާސަންދަ ސްކީމް އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޚިދުމަތް ދިނުމުގައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަން އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އަސަންދަ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކުގެ ތެރޭގައި، ނޮވެމްބަރު 1 އިން ފެށިގެން އެނދުމަތިނުކޮށް ދެވޭ ފަރުވާތަކުގައި، އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުގެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން، އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ޚިދުމަތެއްނަމަ އަދި އެ ޚިދުމަތް އާސަންދައިން ލިބޭނަމަ، އާސަންދައިގެ ދަށުން އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އާސަންދައިން އިތުރަށް ހާމަކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ޑިފެންސް ފޯސްއިން ހިންގާ ސްކީމްތައް މި އަމިއްލަ އިންޝުއަރެންސްގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.

އަދި މިހާރުވެސް އެނދުމަތިކޮށްގެން ދެވޭ ފަރުވާގެ ބިލްތަކަށް އަމަލުކުރަމުންދާ އުސޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށް ޚިދުމަތްދޭ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.