25 ބުރީގެ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ސަރަހައްދުގައި

25 ބުރީގެ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ސަރަހައްދުގައި

ގުޅުންހުރި

ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެންވާ ސަރަހައްދުގައިކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ. މިއީ 25 ބުރީގެ އިމާރާތެއް ކަމަށާއި، މިހާރު ވަނީ އިމާރާތުގެ ޑިޒައިންއާއި ކޮންސެޕްޓްގެ މަސައްކަތް ނިމިފައިކަަމަށްވެސް އެ ގުރޫޕުން ހާމަކޮށްފައި ވެއެވެ.

މާލޭ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ހިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު މާލޭގައި ސިއްހީ ހިދުމަތްތަކާއި އެނދުގެ އަދަދު އިތުރުކުރެވިފައި ނުވާތީ، މިވަގުތު އެންމެ އިސްކަމެއް ދެނީ އެނދުގެ އަދަދު އިތުރުކުރުމަށް ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1995 އިން ފެށިގެން މިހާތަނަށް މާލޭ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު އިތުރުވެފައިވަނީ 130 އެނދެވެ. މިހާރު މާލޭ ސަރަހައްދުގައި ހުރީ ޖުމްލަ 316 އެނދެވެ. ނަމަވެސް މާލޭ ސަރަހައްދުގެ އާބާދީ ދިވެހިންނާއި ބިދޭސީން ހިމަނައިގެން 212،000 އަށްވުރެ މައްޗަށް އަރައެވެ. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން ވޯޑާއި އީއާރު އަދި އެހެނިހެން ހިދުމަތްތަކަށް އިތުރު 172 އެނދު ގެނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.

މީގެއިތުރުން ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރިޔަށްދާއިރު، ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓް މަސައްކަތްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލްގެ އެނދުގެ އަދަދާއި ހިދުމަތްތަކުގެ ތަފްސީލް ހާމަކުރާނީ ޑީޓެއިލް ކުރެހުންތައް ނިމުމުންނެވެ. ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރަން ނިންމީ، އެފަދަ ހިދުމަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް ރައްޔިތުންނާއި ސަރުކާރުން ކުރަމުންދާ ހޭދަ ބޮޑުވުމާ ގުޅިގެންނެވެ.

އަދި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހިދުމަތް ފެށުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ