ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދުވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގަފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ނުސީދާ ގޮތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ލޯނުތަކުގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ޗައިނާއިން އެކި ކަންކަމުގައި ނަގަފައިވާ ލޯނުތަކަށެވެ.
Dharaneege nurakkalakee dharani anburaa dhakkanjehey iru evarah aamdhanee nethun. 2012-2018 aai dhemedhu sarukaarun nangavaafava gina dharani thakuge grace period hamave dhahkan mijeheynee R @ibusolih ge sarukaarah. Adhi mivaguthu mivanee sarukaaruge aamdhanee ekeehen nethifa.
— Mohamed Nasheed (@MohamedNasheed) October 10, 2020
ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ޤައުމުގެ އިޤްތިޞާދު އޮތް ގޮތުންނާއި ޤައުމުގެ އުފުއްދުންތެރިކަމުގެ ނިސްބަތް އޮތް ހިސާބުން ނިމިދޔަ ވެރިކަމުގައި ނަގަފައިވާ ދަރަނި އަލުން މުރާޖާކޮށް، ޖޫރިމަނާއަކާއި ނުލައި ދަރަނި އަދާކުރެވޭނޭ ގޮތަކަށް ލޯނު ދޫކުރި ފަރަތްތަކާއި ވާހަކަ ދައްކައިގެން ހައްލު ހޯދުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.
Enme ginain dhakkan jehenee 2021-2023 aai dhemedhu. Alhugandu dhekey gothugai adhuge haalathuga enme buhdhiveri gothakee 2012-2018 ge dharani ithuru jurimanaa akaa nulaa binaa (restructure) kurun.
— Mohamed Nasheed (@MohamedNasheed) October 10, 2020
ޗައިނާއިން ނަގާފައިވާ ދަރިނަތައް އަދާކުރުމުގެ މުއްދަތު ކޯވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްދީފައެވެ. ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 14 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ދަޢުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މީގެ ތެރެއިން 22 ބިލިޔަން ރުފިޔާއަކީ ބޭރުގެ ދަރިނި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތައް ދައްކާގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އުޅެނީ 12.7 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނެވެ. އަދި 966 މިލިއަން ރުފިޔާއަކީ އެތެރޭގެ ލޯނުތަކެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ކޮމެންޓު ފޮނުވާ