މިފްކޯއިން އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސްއަށް 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ދަމަހައްޓައިފި

މިފްކޯއިން އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސްއަށް 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ދަމަހައްޓައިފި

Author
ހުސައިން
20 އޮކްޓޯބަރ 2024 03:06
0

މިފްކޯއިން އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ސިވިލް ކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލައިގެ ފަހަތުގައިވަނީ 2010 ވަނަ އަހަރު މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "އެމްޓީ ބަރީސާ 101″ ނީލަމުގައި ވިއްކާލުމަށް ކުރި އިޢުލާނާ ގުޅިގެން ހިނގި ހާދިސާއެކެވެ. އެމްޕްލޯއިމަންޓް ބިއުރޯއިން އެ އުޅަނދު 800،000 ރުފިޔާއަށް ގަތުމަށް ހުށަހެޅި ނަމަވެސް، މިފްކޯއިން އެ އެއްބަސްވުމާ ޚިލާފުވުމުން މައްސަލަ ކޯޓަށް ހުށަހެޅުނެވެ.

އެމްޕްލޯއިމަންޓް ބިއުރޯއިން ދަޢުވާގައި އެދިފައިވަނީ ގާނޫނީ މަސައްކަތަށް ހޭދަކުރި 500،000 ރުފިޔާއާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން 2012 އިން 2020 އަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެ ތެރެއިން 20 މިލިއަން ރުފިޔާ ހިމަނައިގެން ޖުމްލަ 20.5 މިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ސިވިލް ކޯޓުން ނިންމީ މިފްކޯއިން މި ފައިސާ ދައްކަންޖެހޭ ކަމަށެވެ.

ނަމަވެސް މިފްކޯއިން މި ހުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި އަލުން މައްސަލަ ހުށަހެޅިއެވެ. އަދި މައްސަލައަށް ގޮތެއް ނިމެންދެން ފައިސާ ދެއްކުން ފަސްކުރުމަށްވެސް އެދުނެވެ. ކޯޓުން ވަގުތީގޮތުން ފައިސާ ދޫނުކުރުމަށް އަމުރުކުރި ނަމަވެސް، ފަހުން ނިންމީ އަސްލު ހުކުމް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ 20.5 މިލިއަން ރުފިޔާ ދެއްކުމަށް މިފްކޯގެ މައްޗަށް ކުރި ހުކުމް ދަމަހައްޓާ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.